» , » މިއަދު ދަރަވަންދޫ ދެކެންޖެހެނީ ރަށުގައި އޮތް އާބާދީއަށް ދެކޭ ލޮލަކުންނޫން

މިއަދު ދަރަވަންދޫ ދެކެންޖެހެނީ ރަށުގައި އޮތް އާބާދީއަށް ދެކޭ ލޮލަކުންނޫން


މިއަދު ދަރަވަންދޫ ދެކެންޖެހެނީ

ރަށުގައިއޮތް އާބާދީއަށް ދެކޭލޮލަކުންނޫން

ކޮންމެ ދުވަހަކު އެތައް ފުލައިޓެއް އެބަޖައްސައެވެ. ކޮންމެ ފްލައިޓަކުން އެތައް ބަޔަކު އަރާފައިބައެވެ. ބަގީތަކާއި ބަހުގައި ބަނދަރަށް ދަތުރުވެރިންނާއި ފަތުރުވެރިން އުފުލައެވެ. އިރުއިރު ކޮޅާ ލޯންޗްތަކުން ބަނދަރު ފުރާލައެވެ. ކޮންމެ ލޯންޗަކުންވެސް އެތައްބަޔަކު އައިސްގޮސް އުޅެއެވެ. މިދައްކަނީ އެއްދުވަހެއް އެއްފަހަރެއްގެ ވާހަކައެއްނޫނެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު ދަރަވަންދޫގެ ޢާއްމު ކޮށް ހިނގަ ހިގާ އޮންނަ ކަންކަމުގެ ވާހަކައެވެ. ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތެރިކަމުގައި ދަރަވަންދޫގެ ބައިވެރިވުން އޮތް މިންވަރު ބޮޑުކަމުގެ ވާހަކައެވެ. ދުވާލަކު އަރާފައިބާ އެތައް ސަތޭކަ ޓޫރިސްޓުންނަށް އެކަށީގެންވާ މެހެމާންދާރީ އެންމެ ފުރިހަމަ ގޮތުގައި ލިބިދެވޭން ޖެހޭ މަންޒިލަކަށް މިއަދު ދަރަވަންދޫ މިއޮތީވެފައެވެ.
 
ދަރަވަންދޫއަށް އަރާފައިބާ ފަތުރުވެރިންނަށް ދަރަވަންދޫން ދިމާވާ ކޮންމެ އުދަގުލަކީ ނުވަތަ ނުތަނަވަސް ކަމަކީ މުޅި ރާއްޖޭގެ މޫނުމަތީގައި ލައްވާލެވޭ ލައްގަނޑަކަށް ވާނެއެވެ. ރާއްޖޭގެ ނާޒުކް އިޤްތިޞާދު ހަމަމަގުގައި ބޭއްވުމަށް މިއަދު ދަރަވަންދުއަކީ މުހިންމު ތަނަކަށްވަނީވެފައެވެ.

ދުވާލަކު މަދުވެގެން ބާރަތޭރަ ފުލައިޓްގައި ދަރަވަންދުއަށް އަރާފައިބާ އެންމެންނަށް އެކަށީގެންވާ ރަނގަޅުފެންވަރުގެ ޚިދުމަތްތަކެއް ލިބެން ހުރުމަކީ މިއަދު ލާޒިމުކަމެކެވެ. ވަރަށް ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްލުމަށްފަހު އެނބުރި ގައުމަށް ދާން ފުރަތަމަ ނިކުންނަ އެއްދޮރާއްޓަކީ މިއަދު ދަރަވަންދޫއެވެ. ބުރަމަސައްކަތަށް ފަހު ޗުއްޓީ ހޭދަކޮށްލަންދާ މަންޒިލަށް ވަނުމަށް އެންމެފަހުން ހުރަސްކޮށްލާ ދޮރާއްޓަކީވެސް ދަރަވަންދޫއެވެ. 

މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުން ނައްޓަލައިގެން ފަތުރުވެރިޔާ އައިސް ތިރިކޮށްލާ އެންމެ ކާރޫބާރޫ ބޮޑު ޑޮމެސްޓިކް އެއަރޕޯޓާއި އެއަރޕޯޓު އޮންނަ ރަށުން ހިތްހަމަޖެހުމާ އުފާވެރިކަމާއި ލުއިފަސޭހަ ނުލިބިއްޖެނަ ފަތުރުވެރިޔާގެ މުޅި ދަތުރު ޚާރާބު ވެގެން ދިޔުމަކީ ނުވެނުދާނެ ކަމެކެވެ. ރާއްޖޭގެ ރަށެއްގެ ފުރަތަމަ ތަޞައްވަރު ފަތުރުވެރިޔާއަށް ގޯސްވުމަކީ މުޅި ރާއްޖޭގެ ތަޞައްވަރު ކިލަނބުވެގެން ދާނޭކަމެކެވެ. އެކަމުގައި ޒިންމާވާން މިއަދު ޖެހެނީ ހަމައެކަނި ދަރަވަންދޫ ރައްޔިތުންނެއްނޫނެވެ. ރަށުގައި އިޖުތިމާއީ އަދި އިޤްތިޞާދީ ޙަރަކާތްތައް ހިންގާ ފަރާތްތަކުން އެކަންޏެއްވެސްނޫނެވެ. ސަރުކާރާއި މުޅިދައުލަތުން ޚާއްޞަ ސަމާލުކަމެއް ދަރވަންދުއާއި މެދު މިއަދު މިއޮތީ ދޭން ޖެހިފައެވެ. 
ރަށުތެރޭގެ ސާފުތާހިރުކަން ހިފެހެއްޓުމާއި ހިނިތުންވުމާއެކު ކަމޭ ހިތުމުގެ ރީތި އާދަތައް ރަށުފެންވަރުގައި ރަށުގައި އުޅޭ މީހުނަށް ނަގަހައްޓާ ދެމެހެއްޓިދާނެއެވެ. އެހެންނަމަވެސް ޤާއިމުކުރަންޖެހޭ އަސާސީ ޚިދުމަތްތައް ޤާއިމުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަކީ ރަށުފެންވަރުގައި ކުރެވޭވަރުގެ ކަންކަމެއް ނޫނެވެ.
ވިސްނާވަޑައިގަންނަވާށެވެ. ފަތުރުވެރިޔާ އެއަރޕޯޓަށް ފޭބުމަށްފަހު އޭނާގެ ލަގެޖް ލިބިގަތުމަށް " މަސްކަނޑާ އައްޓެއް " ކައިރިއަށް ގޮސް ހުއްޓެެން ޖެހުމަކީ ލަދުހުތުރުކަމެކެވެ. ތެދެކެވެ. ރިސޯޓުތަކަށްދާ ފަތުރުވެރިންގެ ލަގެޖް އައްޓަށް ނުނެރެ ސީދާ ރިސޯޓްގެ ލޯންޗަށް މިހާރު އެބަފޮނުވާދެއެވެ. އެކަމަކު ރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންނާއި ޢާއްމު ދަތުރުވެރިންގެ ފޮށިތަންމަތި ލިބިގަންނަން މިޖެހެނީ އެއްކަލަ އަށިމަތީންނެވެ. އެންމެ ބޮޑު ފައިދާއެއްވާ ޑޮމެސްޓިކް އެއަރޕޯޓްގައި ލަގެޖް ބެލްޓެއް އެޅުމަކީ މާބޮޑުކަމެއްކަމުގައިވެގެން ނުކޮށް ތިބުމުން ލިބޭ މަލާމާތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ނުރަނގަޅު އަސަަރެއް ކޮށްގެން ލިބިދާނެ ގެއްލުމެއް ނުއޮންނާނެކަމަށް ހީކުރެވުމަކީ ކުށެކެވެ.

އަންނަ ކޮންމެ މީހަކު އަންނަނީ މާލޭ އެއަރޕޯޓުން ފައިސާ މާރުކޮށްގެނެއްނޫނެވެ. އަދި ފައިސާ ބޮނޑި ބަނދެގެން އަންބޮނޑިޔަށް ލައިގެނެއްވެސް ނޫނެވެ. ދިމާވާކަމަކާގުޅިގެން ފައިސާކޮޅެއް ނަގަން ބޭނުންވާ މީހާއަށް ފައިސާ ކޮޅެއްނެގުމަށް އޭޓީއެމް ގަނޑެއްހާ ހިސާބު އެއަރޕޯޓުގެ ތެރޭގައި ޤާއިމުކުރެވިފައި ނެތުމަކީ ކަންބޮޑުވާންޖެހޭވަރުގެ ކަމެކެވެ.
އަނެއްކޮޅުން ދުވާލަކު އެތައްފަހަރަކު ފަތުރުވެރިން ގެނައުމަށާ ގެންދިޔުމަށް ދަރަވަންދޫއަށް މިސަރަހައްދުގެ ހުރިހާ ރިސޯޓަކުން ކެނޑިނޭޅި ދަތުރުތައް ކުރިނަމަވެސް ބޭންކިން ޚިދުމަތެއް ހޯދަން ބޭނުންވެއްޖެނަމަ ރިސޯޓުތަކުގެ މުއައްޒަފުންނާއި މެނޭޖްމެންޓުން ދަތުރު ހަދައިގެން ދާން ޖެހެނީ އެހެން ރަށަކަށެވެ. ގެސްޓްހައުސް ވިޔާފާރި ފުޅާވެ، ބޮޑުވެ އިޤްތިޞާދީ ޙަރަކާތްތައް ފުޅާދާއިރާއެއްގައި ދަރަވަންދޫގައި ފެށިގެން ހިނގައިގެންފައިވާ އިރު ރބޅ އަތޮޅުން ދަރަވަންދުއަށް މީހުން އަރާފައިބާއިރު ފަސޭހަކަމާއެކު ބޭންކިންގެ ޚިދުމަތް ދަރަވަންދޫން ލިބެން ނެތުމަކީ ގިނަބަޔަކަށް މިއަދު އުފުލަން ޖެހިފައިވާ ވަރަށް ބޮޑުތަކުލީފެކެވެ. އަނެއްކޮޅުން އެންމެ ހެއްވާ ކަމަކީ މާލެއިން ބ.އަތޮޅާއި ރ.އަތޮޅާއި ޅ.އަތޮޅުގައި ހުންނަ ބީއެމްއެލް ބްރާންޗްތަކަށް ގެންނަހާ ފައިސާއެއް ގެންނަސް ގެންގޮސް ހަދަނީ ދަރަވަންދޫ މަގުންކަމަށް ވާއިރު ދަރަވަންދޫގައި ބީއެމްއެލްގެ ގޮތްޕެއް ނުވަތަ ޕޯސްޓެއް ނަމަވެސް ޤާއިމުކުރުމުން ލިބިގެން ދާނެ ލުއިފަސޭ އަންދާޒާ ކޮށްނުލެވުމެވެ. 

ހަމަތެދެކެވެ. މީހާރު ދަރަވަންދޫގައި ޤާއިމުކުރާ އެއްވެސް ޚިދުމަތަކީ ދަރަވަންދޫގައި ދިރިއުޅޭ އާބާދީއަށް ޤާއިމުކޮށްދެވޭ ޚީދުމަތެއް އެކަނިކަމުގައި ބެލޭވޭކަށް ނެތެވެ. ދަރަވަންދޫގައި ޤައިމުކުރާ ކޮންމެ ޚިދުމަތެއްގެ ފައިދާ މިސަރަހައްދުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ސީދާގޮތުގައި ކުރެއެވެ. މިސަރަހައްދުގައި ހިންގާ ހުރިހާ ރިސޯޓުތަކަށް ހައްދެއް ނެތް މިންވަރަށް ލުއިފަސޭހަ ލިބި ފައިދާ ކުރެއެވެ. ދަރަވަންދޫގައި ޚިދުމަތެއް ނެތުމަކީ ހަމައެކަނި ދަރަވަންދޫ ރައްޔިތުންނަށް ލިބޭ ދެރައަކަށްވީ ދުވަސް މާޒީވެ ހިގައްޖެއެވެ. ދަރަވަންދޫއަށް ކަމެއްކޮށް ނުދިނުމަކީ މިއަދު ދަރަވަންދޫއަށް އެކަނި ދެވޭ ދެރައެއްނޫނެވެ. ދަރަވަންދޫ ރައްޔިތުންނަށް އެކަނި ކުރެވޭ އުދަގުލެއްވެސް ނޫނެވެ. މިއަދު ދަރަވަންދޫ ދެކެންޖެހެނީ ރަށުގައި އޮތް އާބާދީއަށް ދެކޭ ލޮލަކުންނޫނެވެ.
މި ލިޔުން ހިއްސާކުރައްވާ


 

Copyright © 2013. ދަރަވަންދޫ - All Rights Reserved