» , , » ދަރަވަންދޫގެ ޚިދުމަތްތެރި ދަރިން

ދަރަވަންދޫގެ ޚިދުމަތްތެރި ދަރިން

ދަރަވަންދޫގެ ޚިދުމަތްތެރި ދަރިން

އަލްމަރުޙޫމް ޔޫސުފް އަބޫބަކުރު (ޔޫސުފް ކަތީބު)

ޔޫސުފް އަބޫބަކުރު ދަރަވަންދޫ ކަތީބުކަން ކުރެއްވީ 1975 އިން 1980 އަށެވެ. ދުވަސްވަރަކީ ރާއްޖޭތެރޭގެ ތަރައްޤީއަށް އެއްވެސް އިސްކަމެއް ދެވިފައިވާ ދުވަސްވަރެއްނޫނެވެ. ސަރުކާރުން ވަރަށް ބޮޑަށް އިހުމާލު ކޮށްލާފައި އޮތްދުވަސް ވަރެކެވެ. ދަރަވަންދޫގައި އޮތް އަތޮޅުވެރިކަން 1965 ގައި ބަދަލުކުރުމަށް ފަހު ދަރަވަންދުއާއި މެދު ދައުލަތުން ގެންގުޅުނު އެކަހެރި ކޮށްލުމުގެ ސިޔާސަތުގެ ދަށުން ލިބެމުން ދިޔަ އަނިޔާތަކުގެ އަސަރު ފިލާނުގޮސް ދެމިއޮތުމުގެ ސަބަބުން ރަށްްވެހިކަމުގެ ތަރައްޤީއަށް މާބޮޑު މަސައްކަތެއް ކުރުމުގެ ފުރުޞަތެއް ލިބިފައެއްވެސް ނުވެއެވެ.

ހުކުރު މިސްކިތް ބޮޑުކުރެއްވުން

ދަރަވަންދޫގައި ހުރި ހުކުރުމިސްކިތް ބޮޑުކުރުމަށް މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. މިސްކިތުގެ ގޯތީގެ ހުޅަގުގައި ހުރި ބޮޑުނިކަގަސް ކަނޑާ މިސްކިތުގެ ގޯތި ބޮޑުކޮށް ވަށާފާރު 4 ފޫޓަށް ރާނާ ތުންފަތް އެޅުމުގެ މަސައްކަތް ކޮށް ނިންމަވާފައިވެއެވެ.
ކުރިންހުރި ބާމިސްކިތުގެ މަތިވަޑާން ގަނޑުނަގާ މިސްކިތުގެ ދެކޮޅަށް ބޮޑުކޮށް، ދެފަރާތަށް ފުޅާކޮށް، އުތުރުބިތާއި ދެކުނު ބިތުގައި ބިތެއްގައި ތިންކަނީގެ ފަސް ކުޑަދޮރުލައި، ހުޅަގު ބިތުގެ ދެފަރާތުގައި ތިންކަނީގެ ދެކުޑަދޮރު ބަހައްޓައި، މިހުރާބުގޭ ގެ ތިންބިތުން ކުރެ ކޮންމެ ބިތެއްގައި ދެކަނީގެ ކުޑަދޮރެއް ބަހައްޓައި، ދެފުރާޅަށް ސިމެންތިޓިނުން ހިޔަކޮށް އެތެރޭގައި އުވަޖަހާ ނިންމެވިއެވެ. މިސްކިތުގެ އިރުމަތިކޮޅުގައި މައިމިސްކިތަށް ވަންނަން ދެފަރާތުގައި ދެދޮރު ބެހެެއްޓިފައިވެއެވެ. މައިމިސްކިތާ ގުޅުވައިގެން އިރުމައްޗަށް ފެންޑާއެއް 

ފަހަތުން އެފެންނަނީ އެ މިސްކިތް

އިތުރުކޮށް، މައިމިސްކިތަށް ވަންނަ ދެދޮރުގެ ދޭތެރޭގައި ހުރިފުޅާ މިނަށް މައިމިސްކިތުންފެށިގެން ފެންޑާގެ ފުޅާމިނުގައި ބޮޑު ދާލައައްޓެއް ފެންޑާގައި ހެއްދެވިއެވެ. އެދުވަސްވަރުގެ ހާލަތު ހުރިގޮތުން މިސްކިތުގައި ނަމާދުކުރަން ފެށީ އިރުމަތީ ފެންޑާއާއި މިސްކިތުބޭރުގައި އުވަވެސް ނުޖަހައެވެ. ކުދި ދޮރުތަކުގައި ދޮރުފަތްވެސް ހަރު ނުކޮށެވެ. ކުދި ދޮރުތައް ނިވައިކުރެއްވީ ދޮރުގެ ބޮޑުމިނުގައި ދަނޑިން ފުރޭމެއް ހަދާ އެފުރޭމުގައި ގޯނިޖަހާ ނިވަކޮށްގެން ދޮރާ ދިމާލުގައި އެލުވައިގެނެވެ.

މަދަރުސަތުލް ފަލާޙު ހުއްޓުން

އަތޮޅުވެރިކަން ބަދަލުކުރުމާއެކު ޒަމާނުއްސުރެ ހިންގަމުން އައި މަދަރުސަތުއްސަޢާދާ ވެސް އޭދަފުއްޓަށް ބަދަލުކުރުމުން ކިޔަވާދޭނޭތަނެއް ނެތި ދުވަސްކޮޅަކު އޮތުމަށްފަހު ރައްޔިތުން ޚަރަދުކޮށްގެން ކާޑުގޭ ގުދަންފަތީގައި މަދަރުސަތުލް ފަލާޙުގެ ނަމުގައި ހިންގަމުން އައި މަދަރުސާ ހިންގުން ހުއްޓުނީ ޔޫސުފް އަބޫބަކުރުވެރިކަމުގައެވެ. ސަރުކާރުގެ އެއްވެސް އެހީތެރިކަމެއް ނުލިބުމާ ކިޔަވާދޭނެ މީހުން ނުލިބުމާއި ރައްޔިތުންގެ ފޯރުތެރިކަން ހުރިގޮތުން އެފަދަކަމެއް ކުރެވޭަރުގެ އެހީތެރިކަމެއް ނުދެވުމުގެ ނަތީޖާއެއްގެ ގޮތުން މަދަރުސަތުލްފަލާޙު ހިންގުންހުއްޓާލަން ޖެހުނީއެވެ.

ރައްޔިތުންގެ ވިޔަފާރިއެއް ފެއްޓެވުން

ރައްޔިތުންގެ މާލިއްޔަތުން ޚަރަދުކޮށްގެން ކާޑުގޭ ގުދަންފަތީގައި ރައްޔިތުންގެ ވިޔާފާރިއެއް ފައްޓަވާ ހިންގެވިއެވެ. އެފިހާރައިން ކާޑުގެ ބާވަތްތަކާއި ފުޑާހަވާދާއި އެނޫންވެސް ކެއުން ބުއިމަށް ބޭނުންވާ އަސާސި މުދަލާ ކަރަސީނުތެޔޮ ވިއްކަމުން ދިޔައެވެ. މުދާ ގެނައުމުގެ ދަތި ބޮޑުވުމާ ބައެއް އަމިއްލަ މީހުންގެ ވިޔަފާރި ފުޅާވަމުން ދިޔުމާއެކު ވިޔާފާރިން ގެއްލުންވާން ފެށުމުން ޖެހެވަޑައިގަތީ ރައްޔިތުންގެ ވިޔާފާރި ހުއްޓަވާ ލައްވާށެވެ.

ލެޓިން އަކުރު

ސަރުކާރުގެ ހުރިހާ ލިޔެކުމެއް ލެޓިން އަކުރުން ލިޔެކިޔުމަށް މަޖުބޫރުވުމާ ގުޅިގެން ލެޓިން އަކުރު ދަސްކޮށްދޭ ކްލާސްތަކެއް ހިންގެވިއެވެ. ލެޓިން އަކުރުން ލިޔެފައިވާ ޚުޠުބާ ވިދާޅުވިއެވެ. ފުރަތަމަ ރަށުއޮފީހަށް ޓައިޕްރައިޓަރެއް ލިބުނެވެ.

މެހުމާނީ އުފާ

ކާޑުގޭ ގޯތީގެ އުތުރުން އޮތް ބިމުގައި ހަނިފެންޑާއެއް ލައިގެން ރާނާ ދަގަނޑުޓިނާއި އީޓުން ހިޔާކޮށް ބޭނުމެއް ނުކޮށް އެތައް ޒަމާނެއް ވާންދެން ވީރާނާ ވުމަށް ދޫކޮށްލާފައިވާ ޢިމާރާތް އައުބާތުރަ ފިލުވާ ބޭނުންތެރި ތަނަކަށް ހެއްދެވިއެވެ. އިމާރާތުގެ ތެރެއިން މެދުން ފާރެއް ރާނާ ދެކޮޓަރިއަށް ބައިކޮށް ފެންޑާތެރެއިން ދެކޮޓަރިއަށް ވަދެވޭނޭހެން ދެ ދޮރު ކަނޑައި، ދޮރު ހަރުކޮށް، އެ އިމާރާތާ އިންކޮށް ދެކުނަށް ދެގިފިލި ރާނާ ވަޅެއް ބަހައްޓައި އެވަޅު ދެބައިކޮށް ދެކޮޓަރިން ވަދެވޭނޭހެން ދޮރުކަނޑާ ހެއްދެވިއެވެ. މުޅި ޢިމާރާތުގައި ތަޅުން އަޅައި އީމާރާތުގެ ދެފުށުގައި އުވަޖަހައި ފެންޑާގައި ސަނދުވާލީ އުނދޯއްޔެއް އެލުވާ ހެއްދެވިއެވެ. ޢިމާރާތާ ދިމާލުން މަގުމަތީފާރު ހަތަރު ފޫޓަށް ހަދައި މަގުމަތީ ފާރުގެ ދެފުށުގައި އުވަޖަހާ ރަށަށް ވަޑައިގަންނަވާ ސަރުކާރުގެ ޢިއްޒަތްތެރިންނަށް ޚާއްޞަ މެހެމާނު ސަރާއެއް " މެހުމާނީ އުފާ" ނަމުގައި ބިނާކުރެއްވިއެވެ.
މެހެމާނީ އުފަލުން އެންމެ ފުރަތަ މެހެމާންދާރީ އަދާކުރެއްވީ 11 އެޕްރީލް 1979 ގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫނު ޢަބްދުލް ޤައްޔޫމަށެވެ.

ދަރަވަންދޫ ޕްރައިމަރީ ސްކޫލް
ސްކޫލު ހޫޅުވާދެއްވުމަށްފަހު: ރައިށް މައުމޫނާއި ޔޫސުފް ކަތީބް

ދަރަވަންދޫގައި ކިޔަވާދޭނެ މަދަރުސާއެއް ނެތި ފައިވަނިކޮށް އަތޮޅުރައްޔިތުންގެ ފާރޮށިގޭގެ ގުދަންފަތި ކްލާސްރޫމްތަކަކަށް ބަދަލުކޮށް އާބާތުރަ ފިލުވުމަށްފަހު ދަރަވަންދޫ ޕްރައިމަރީ ސްކޫލުގެ ނަމުގައި ސަރުކާރުން ހިންގާ ސްކޫލެއްގެ ގޮތުގައި ދަރަވަންދޫގައި ސްކޫލެއް ހިންގަންފެށީ ޔޫސުފް އަބޫބަކުރުގެ ވެރިކަމުގައި ދަރަވަންދޫ ރައްޔިތުން ހިލޭސާބަހަށް ކުރިމަސައްކަތުގެ ސަބަބުންނެވެ. ދަރަވަންދޫ ޕްރައިމަރީ ސްކޫލް ހުޅުއްވާދެއްވީ 11 އޭޕްރީލް 1979 ގައި އޭރުގެ ރައިށުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމެވެ. ފަގުން އެސްކޫކް ބަދަކުވީ ބ.އަތޮޅު މަދަރުސާ އަށެވެ.

ޚިދުމަތުގެ ދާއިރާތައް
-          ދަރަވަންދޫ ނައިބުކަން
-          ދަރަވަންދޫ ކަތީބުކަން
-          ދަރަވަންދޫ ކުޑަކަތީބުކަން
-          ދަރަވަންދޫ މުދިންކަން
-          ދަރަވަންދޫ ޕްރައިމަރީ ސްކޫލުގެ ނާޒިރުކަން
-          ބ.އަތޮޅު މަދަރުށަގެ ނާޒިރުކަން
އިތުރު ޚިދުމަތުގެ ގޮތުގައި
# ގިނަބައެއްގެ ޖަނާޒާގެ އެންމެހާ ކަންކަމުގެ އިމާމެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވިއެވެ.
# އިމާމު ހުކުރު ކުރެއްވުމުގައި ޢުމުރުގެ ބޮޑުބައެއް ހޭދަކުރެއްވިއެވެ.
# ކައިވެނީގެ މައުޒޫނެއްގެ ގޮތުގައިވެސް ޚިދުމަތްކުރައްވާފައިވެއެވެ.
މި ލިޔުން ހިއްސާކުރައްވާ


 

Copyright © 2013. ދަރަވަންދޫ - All Rights Reserved