» , » :ޙަޤީޤީ ވާހަކަ ދިވެހި އަންހެނަކަށް އިސްލާމް ދީނުގެ ހިދާޔަތު ލިބުނު ގޮތް

:ޙަޤީޤީ ވާހަކަ ދިވެހި އަންހެނަކަށް އިސްލާމް ދީނުގެ ހިދާޔަތު ލިބުނު ގޮތް


:ޙަޤީޤީ ވާހަކަ
ދިވެހި އަންހެނަކަށް އިސްލާމް ދީނުގެ ހިދާޔަތު ލިބުނު ގޮތް 




މިއީ ކެންސަރު ބަލީގެ ޝިކާރަކަށްވި ދިވެހި އަންހެނަކަށް ޝިފާ ލިބި އަދި އޭނާ އަށް އިސްލާމް ދީނުގެ ހިދާޔަތުގެ އަލިކަން ލިބުނު ގޮތުގެ ޙަޤީޤީ ވާހަކައެވެ.
މިއީ މިއަންހެން ބޭފުޅާގެ ވާހަކައިގެ މައްޗަށް ރޭޑިއޯ އެޓޯލްގެ ވެބްސައިޓްގައި ގެނެސްދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ.
ލިޔުން ފަށައިގަންނަމުން ބުނެފައި ވެއެވެ. ޝައްކެއް ނެތް ގޮތުގައި އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތެވެ. މިއީ އަހަރެންގެ ވާހަކައެވެ. މުސްލިމެއްގެ ގޮތުގައި ދުނިޔެއަށް ފޮނުއްވުމުންވެސް، ދުނިޔަވީ ވަގުތީ އުފާތަކުގައި ޖެހި، ޣާފިލު ކަމުގެ ކަނު އަނދިރީގައި ވަނިކޮށް، އިސްލާމީ ހިދާޔަތުގެ މަތިވެރި ނޫރުން އަލުން އަހަރެންގެ ހަޔާތަށް އަލިކަން ލިބުނު ގޮތުގެ ވާހަކައެވެ.
ލިޔުމުގައި ވާގޮތުން ވާހަކަ ކިޔައިދޭ އަންހެން މީހާ ބޮޑުވީ ދީނީ ކަންތައްތަކަށް މާކަބޮޑު އަހައްމިއްޔަތު ކަމެއް ދޭ މާޙައުލެއްގައެއް ނޫނެވެ. އެންމެ ކުޑައިރުއްސުރެވެސް އޭނާގެ މަންމަވެސް ނަމާދެއް ކުރާތަން ފެންނަނީ މަދު ފަހަރަކުއެވެ. ބައްޕަ އެއްގޮތަކަށްވެސް ނަމާދެއް ކުރާތަނެއް ނުފެނެއެވެ. “މަންމަ އަހަރެމެން ޤުރުއާން ކިޔަވަން ގޭގެއަށް ފޮނުވައެވެ. އެހެނަސް ނަމާދަށް ދަނީ ވަރަށްވެސް މަދުންނެވެ. އެހެންކަމުން އަހަރެންވެސް ނަމާދެއް ނުކުރަމެވެ. އަދި ސްކޫލްގެ ޓެސްޓަށް ދަސްކުރަން ޖެހޭ ސޫރަތެއް ފިޔަވައި ޤުރުއާނުން މިންވަރެއް ވެސް ނުކިޔަވަމެވެ. އަހަރެން ބޮޑުވެގެން އައީ ދީނަށް މާބޮޑު ޝައުޤުވެރިކަމެއް ނެތި ދީނަށް އަޙައްމިއްޔަތު ކަމެއް ނުދީއެވެ.”
ބޮޑުވެ ކިޔަވައި ނިމުމުން ވަޒީފާއަކަށް ވަނީއެވެ. އަތްމަތި ތަނަވަސްވަމުން ދިޔައެވެ. އަދި ވަޒީފާގެ ކުރިއެރުންތަކާއި ކާމިޔާބީތައް ލިބެމުން ދިޔައެވެ. ޒަވާޖީ ހަޔާތެއް ފަށައި، ކުދިންވެސް ލިބިއްޖެއެވެ. އަހަރެންގެ ޙަޔާތް ވަރަށްވެސް ފުރިހަމަވެފައި އުފާވެރިއެވެ. އަދި ދަތިވާ އެއްވެސް ކަމެއް ނެތެވެ. ނަމަވެސް، މީގެން އެއްވެސް ނިޢުމަތަކަށް ޝުކުރުވެރިއެއް ނުވަމެވެ. އަދި މި ނިޢުމަތްތައް ދެއްވި ފަރާތުން ނިޢުމަތްތައް ގެންދަވާފާނެ ކަމާމެދު ބިރުގަންނާކަށްވެސް ނޭނގެއެވެ.
ލިޔުން ކުރިއަށް ގެންދަމުން ބުނެފައި ވެއެވެ. “އަހަރެން ދެކުނު ގޮތުގައި އަހަރެން ދިރިއުޅެމުން ދިޔަ އަރާމާއި އުފާވެރި ދިރިއުުޅުމަކީ އަހަރެން ހޯދި އެއްޗެކެވެ. އަހަރެންގެ މޮޅުކަމުންނެވެ، އަހަރެންގެ ބުރަ މަސައްކަތުންނެވެ. އަދި އަހަރެންގެ ވިސްނުން ހުންނަ ގޮތަކީ، އިންސާނާ މަރުވާނީ އެއްފަހަރުއެވެ. މަރު ވުމުގެ ކުރިން ކުރަން އޮތް އުފަލެއް ކުރަންވީއެވެ. މުސްލިމަކަށް ވީތީ ކޮންމެވެސް ދުވަހަކުން ސުވަރުގެއަށް ދެވޭނެތާއެވެ. ބޮޑު ފާފައެއް ނުކުރަންޏާ، ޝަރީކު ނުކުރަންޏާ އޯޯކޭ ވާނެއެވެ. އަހަރެން ދިރިއުޅެމުން ދިޔައީ ބިރެއްނެތި އުފަލާއި މަޖަލުގައެވެ.”
ނަމަވެސް، ކަންތައްތައް ބަދަލުވާން ފެށީ ކުއްލިއަކަށް ކަމަށް ލިޔުމުގައި ބުނެފައިވެއެވެ. “ގެއްލެމުންގޮސް ހުރިހާ ދުނިޔަވީ އުފާތަކެއް ގެއްލެންފެށިއެވެ. ފިރިމީހާއަށް އިތުބާރުކޮށްފައި ވަޒީފާ ދޫކޮށްލީއެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން، އެ ފިރިމީހާ އަހަންނާއި ކުދިން ދޫކޮށްލީއެވެ. ތަނަވަސްކަން ގެއްލިއްޖެއެވެ. އުފާވެރިކަން ގެއްލިއްޖެއެވެ. ހިތާމައިގައި ދުވަސްތައް އެކަނިމާއެކަނި ކުދިންގޮވައިގެން ވޭތުކުރަން ޖެހިއްޖެއެވެ. ނަމަވެސް، މިހިސާބުން އަދި ނިމުނީކީ ނޫނެވެ. ދެން ޖެހުނީ އެއަށްވުރެ ބޮޑު ކަމަކާއެވެ.”
ލިޔުމުގައި ބުނެފައިވެއެވެ. “އަހަންނަށް ބަލިމަޑުކަމެއް ޖެހިއްޖެއެވެ. ޑޮކްޓަރަށް ދައްކައި ޓެސްޓު ކުރުމުން އެނގުނީ އަހަރެންގެ ކަރަށް ކެންސަރު ޖެހިފައިވާކަމެވެ. އަދި ވަގުތުން ރާއްޖެއިން ބޭރުން ބޭސްކުރުމަށް އެންގިއެވެ. ރާއްޖެއިން ބޭރުން ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ހެދުމަށްފަހު އެމީހުން ދިނީ ވަރަށްވެސް މާޔޫސްކުރުވަނިވި ޚަބަރެކެވެ. ކަރަށް ވަނީ ކެންސަރު ވަރަށް ބޮޑަށް ފެތުރިފައެވެ. އަދި ފަހަރެއްގައި އަޑު ބޭނުން ނުކުރެވޭނެގޮތްވެސް ވެދާނެއެވެ. ރަނގަޅުކުރެވޭނެ ކަމުގެ އުންމީދު ވަރަށްވެސް ކުޑައެވެ.”
އެހިސާބުން ހަޔާތް ނިމިއްޖެ ކަމުގެ އިހްސާސް ކުރެވުނު ކަމަށް ލިޔުމުގައި ބުނެފައި ވެއެވެ. “ދެރަވިއެވެ. މުޅިން މާޔޫސްވެ ނާއުންމީދު ވިއެވެ. މަރު ގާތްވި ކަހަލައެވެ. އުފަލާއި އަރާމުގައި ދިރިއުޅެމުން ގެންދިޔަ ޙަޔާތް ހިތާމައާއި މާޔޫސްކަމުގެ ތެރެއަށް ޢަރަޤުވިއެވެ.”
ލިޔުން ކުރިއަށް ގެންދަމުން ބުނެފައި ވެއެވެ. ބޮޑުމުސީބާތެއް ޖެހުމުން ހެއްދެވިފަރާތް މަތިން ހަނދާންވުން، އެއީ ބައެއް އިންސާނުންގެ ފިތުރަތެވެ. އަހަންނަށްވެސް ވީ އެހެންނެވެ. ހުރިހާކަމަކުން މާޔޫސްވެ ނާއުއްމީދު ވުމުން، ދެން ﷲ ތަޢާލާ މަތިން ހަނދުމަކުރަން ފެށުނެވެ. އުޅެވުނު ގޮތާމެދު ދެރަވާން ފެށުނެވެ. އަހަންނަށް އިޙުސާސް ކުރެވުނީ، އަހަންނަށް އުޅެވުނު ގޮތުން ﷲ ތަޢާލާ އަހަންނާ ނުރުހުންވެ، އެއުފާތައް އަހަރެންގެ އަތުން ނިގުޅައިގަތީއެވެ. ކޯފާއެއް ފޮނުއްވީއެވެ.
އަހަރެން ހިތައް އަރަން ފެށިއެވެ. “ދެން އަހަންނަކަށް ސަލާމަތެއް ނެތެވެ، އަހަރެން ހެއްދެވި ފަރާތްވެސްއަހަންނާ ނުރުހުންވީއެވެ. އަދި އަހަންނަށް އަދަބު ދެނީއެވެ. ދެން އަހަންނަކަށް ސަލާމަތެއް ނުވެވޭނެއެވެ. އަހަރެންގެ ވެރި ރައްބު އަހަންނާ ކޯފާވުމުން ދެން އަހަރެން ސަލާމަތް ކުރެވޭނީ ވަކި ކާކަށްހެއްޔެވެ. އަހަންނަށް ލިބެމުން މިދަނީ އަހަރެން އުޅެމުން ދިޔަ ގޮތުގެ ޢަޒާބެވެ.” މިފަދަ ޚިޔާލުތައް ހިތަށްއައިސް އަހަންނަށް އެރޭ ވަރަށް ރޮވުނެވެ. ކުރިން އުޅެވުނު ގޮތާމެދު ދެރަވެ، އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. އިސްލާހުވެ ރަނގަޅަށް އުޅެންވެސް ބޭނުންވިއެވެ. ހިތަށް އެރިއެވެ، “އަހަރެން އިސްލާޙުވެ ރަނގަޅަށް އުޅެން ބޭނުންވިޔަސް، ދެން އަހަންނަކަށް އެ ފުރުސަތެއްވެސް ނެތެވެ، އަދި ދެން އަހަރެން ކުރާ އަޅުކަމެއް ޤަބޫލެއްވެސް ނުކުރައްވާނެއެވެ. މާތް ﷲ އެވަނީ އަހަރެންދެކެ ވަރަށް ބޮޑަށް ކޯފާވެފައެވެ.”
އަހަރެން އިސްލާޙުވާން ވަރަށްބޮޑަށް ބޭނުންވިއެވެ. އަދި ޙަޔާތުގެ ބާކީ އޮތްބައި ﷲ ގެ މަގުގައި ރަނގަޅަށް އުޅެން ބޭނުންވިއެވެ. އަހަންނަށް އެރޭ ނިދުނީވެސް އަހަންނަށް އުޅެވުނު ގޮތާމެދު ދެރަވެ ރޮއެރޮއެ އޮއްވައެވެ. ހިތާހިތުން އިސްލާޙުވާން ފުރުސަތަކަށް އެދިއެދި އޮއްވައެވެ.
ލިޔުމުގައި ބުނެފައި ވެއެވެ. “އެއީ ބުރާސްފަތި ދުވަހެއްގެ ރެއެކެވެ. ރަމަޞާން މަހުގެ ފަހު ދިހައެއްގެ ރެއެކެވެ. ރޮއެރޮއެފައި ނިދުނުތަނާ އަހަންނަށް އެރޭ ހުވަފެނެއް ފެނުނެވެ. އަހަންނަށް ފެންނަނީ އަހަރެން ވަރަށް ރީތި ފެންގަނޑެއްގެ ކައިރީގައި ހުއްޓައެވެ. އަދި އެ ފަންގަނޑު ވަނީ ވަރަށް ރީތި ބަގީޗާއެއްގައެވެ. އަހަރެން އެވަގުތު ހުރިތަން ވަރަށްވެސް ރީއްޗެވެ. ކުއްލިއަކަށް މީހަކު ސަލާމް ގޮވާލި އަޑަށް އަހަރެން ބަލައިލީމެވެ. ހުދު ހެދުމެއްގައި ހުރި މީހެކެވެ. ވަރަށްވެސް ރީއްޗެވެ. މޫނުމަތިން ނޫރެއް ފައުޅުވާކަހަލައެވެ. އޭނާ ހިނިތުންވެލައިފައި އަނެއްކާވެސް ސަލާމް ގޮވާލިއެވެ. އަހަރެން ހިތަށް އެރިއެވެ “އަހަންނަކަށް ޖަވާބެއް ނުދެވޭނެއެވެ. އަހަރެންގެ ކަރު ހަލާކުވެފައެވެ. ޑޮކަޓަރު ވަނި އަހަރެން އެއްވެސް ވަރަކަށް ވާހަކަދެއްކުން މަނާކޮއްފައެވެ.”
އޭނާ އަހަރެންގާތު އެހިއެވެ. “ނަމާދު ކޮށްފިން ހެއްޔެވެ؟” އަހަރެން ނޫނެކޭ ބުނުމުގެގޮތުން ބޯ ހޫރާލީމެވެ. އޭނާ ބުންޏެވެ “މިފެންގަނޑުން ވުޞޫ ކުރާށެވެ، އަދި އަހަންނާއެކު ނަމާދަށް އަންނާށެވެ” އަހަރެންގޮސް އެ ފެންގަނޑުން ވުޞޫ ކުރަން ފެށީމެވެ. އެ ފެންގަނޑުގެ ފެން ފިނިވެފައި އަރާމެވެ، އަދި އެ ފެނުން ވުޞޫ ކުރަން ފެށުމުން އަހަންނަށް ބުނެދޭން ނޭނގޭކަހަލަ ލުއިކަމެއް ލިބުނެވެ. މޫނުގައި ފެން ހޭކިވަގުތު މޫނުމަތިން އަލިވެގެން ދިޔަކަހަލައެވެ. އަޖައިބު ކުރުވަނިވި އިޙުސާސްތަކެއް ކުރެވުނެވެ. ވުޞޫކޮށް ނިމުމުން ހިތަށް އެރިއެވެ. “ދެން ހަދާނީ ކިހިނެއްހެއްޔެވެ.
އަހަންނަކަށް ނަމާދު ކުރާކަށް ނޭނގެއެވެ. އަހަރެން ދުވަހަކުވެސް ނަމާދެއް ނުކުރަމެވެ. އެކަމަކުވެސް އެންމެ ރަނގަޅެވެ. މީނާއާއެކު އޭނާ ހަދާގޮތެެއް ހަދާނީއެވެ. މަރުވުމުގެ ކުރިން އެންމެ ނަމާދެއް ކުރިޔަސް، އެނަމާދުގެ ޡަވާބު ލިބޭނެތާއެވެ. އަހަރެން އެމީހާއާއެކު އެ ރީތި ބަގީޗާގައި ދެރަކުޢަތުގެ ނަމާދެއް ކުރީމެވެ. ނަމާދުކޮށް ނިމުމުން އޭނާ ބުންޏެވެ “ޤުރުއާން ކިޔަވަން ފަށާށެވެ” އަހަރެން ހިތައް އެރިއެވެ
އަހަރެން ޤުރުއާން ކިޔަވާނީ ކިހިނެއްހެއްޔެވެ! އަހަންނަކަށް ކިޔަވާކަށް ނޭނގެއެވެ. އަދި އަހަންނަކީ ބަލި މީހެކެވެ. ވާހަކަ ނުދެއްކުމަށް ވަނީ ޑޮކްޓަރު ބުނެފައެވެ. ދެން އަހަރެން ކިޔަވާނީ ކިހިނެއްހެއްޔެވެ!” އަހަރެން ހިތައްއެރި ހުރިހާ އެއްޗެއް އޭނާއަށް އެނގުނުކަހަލައެވެ. އޭނާ ހިނިތުންވެލާފައި ބުންޗެވެ. “އޭ އުޚްތާއެވެ. ހާސް ނުވާށެވެ. މި ޤުރުއާން އަކީ ޝިފާއެކެވެ. ބިރުނުގަނެ ކިޔަވާށެވެ. އަހަންނާ އެއްކޮށް އަހަރެން މި ކިޔަވާ ގޮތަށް ކިޔަވާށެވެ.” އަހަރެން ހިތަށްއެރިއެވެ “ކޮންމެ ގޮތެއްވިޔަސް ހެޔޮއެވެ. އަހަރެން މިއަދު ކިޔަވާނަމެވ.”
މިހެން ހިތައި، އޭނާގެ އަޑުދަށުން އަހަރެން ކިޔެވީމެވެ. އޭނާ އަހަންނަށް ކިޔަވައިދިން ސޫރަތަކީ ސޫރަތުއް ޞުޙާ ( سورة ضحىَ ) އެވެ. ހުވަފެނުގައި ނަމާދު ކުރާތީ ފެނުމުން އަހަންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. އަދި ނަމާދު ކުރަން ބޭނުންވި އެވެ. ހަމަ އެދުވަހު އަހަރެން ނަމާދުކުރަން ފެށީމެވެ. އަހަންނަށް ނަމާދުގައި ކިޔާ ބައެއް އެއްޗެހި ނޭނގެއެވެ. އެހެންކަމުން އަހަރެން ލަންކާގައި ބޭސްކުރަން އެވަގުތު ހުރި ގޭގެ ދައްތަ ކައިރީ ބުނެގެން، އެ ދައްތަގެ ދަރިފުޅަށް ނަމާދުގައި ކިޔާ ތަކެތި ދަސްކޮށްދޭން ހޯދާފައިވާ ފޮތް އަހަރެން އަތުލީމެވެ.  އެންމެ ފުރަތަމަ އަހަރެން ނަމާދުކުރީ އެ ފޮތް އަހަރެންގެ ކައިރީގައި ބާލީހެއްގެ މަތީގައި ބާއްވައިގެން، އެފޮތުން ބަލައިގެންނެވެ. ޤުރުއާންގެ ސޫރަތްތައް ނޭންގޭތީ ނަމާދުގައި އަހަރެން ޤުރުއާން ކިޔެވީ އަހަރެންގެ ކޮޓަރީގައި ހަރުކޮށްފައިހުރި ފްރޭމެއް ބަލައިގެންނެވެ. އެ ފްރޭމްގައި الإخلاص ، الفلق ، الناس ، الكافرون  މި 4 ސޫރަތް ލިޔެފައި ވެއެވެ. ފުރަތަމަ ނަމާދު ކުރީ މުޅިންވެސް މި 4 ސޫރަތް ކިޔަވައިގެންނެވެ.
އަދި މަޑުމަޑުން ޤުރުއާންގެ ކުރު ސޫރަތްތައްވެސް ދަސްކުރަން ފެށީމެވެ. ދީނީ ކަންތައްތައް ހޯދައި ދަސްކުރަން ފެށީމެވެ. މިގޮތަށް އުޅުނުއިރު އަބަދުވެސް ހިތަށްއަރައެވެ. “ހުވަފެނުގައި سورة ضحىَ  ކިޔަވައިދިނީ ކީއްވެހެއްޔެވެ! އެހެން ސޫރަތެއް ކިޔަވައި ނުދިނީ ކީއްވެހެއްޔެވެ!” މިސުވާލުތަކުގެ ޖަވާބު އަހަންނަށް ލިބުނީ ސޫރަތުގެ މާނަ ހޯދައި ކިޔައިލުމުންނެވެ.
بسم الله الرحمن الرحيم
وَالضُّحَى
އިރުއަރައިގެން އައިސް ދުވާލުގެ އަލިކަން ހަމަޖެހޭ ވަގުތު ގަންދެއްވަމެވެ.
وَاللَّيْلِ إِذَا سَجَى
އަދި އަނދިރިކަން އައިސް ކުރިމަތިވެ، ހިމޭންވެ ހަމަޖެހޭހިނދު ރޭގަނޑާއިއެވެ.
مَا وَدَّعَكَ رَبُّكَ وَمَا قَلَى
ކަލޭގެފާނު ހައްދަވާއި ބޮޑުކުރެއްވި ކަލާނގެ ކަލޭގެފާނު ދޫކޮށެއް ނުލައްވައެވެ. އަދި ނުރުހުންތެރިވެވޮޑި ނުގަންނަވައެވެ.
سُبحَانَ الله……… ގަނޑުވެފައި މުސްޙަފް އަށް ބަލަން އަހަންނަށް ހުރެވުނި ކިހާ އިރަކުކަމެއްވެސް ނޭނގެއެވެ. އަހަންނަށް އިޙުސާސް ކުރެވުނީ ސޫރަތުގެ މާނައިން މިދޭހަވާ މެސެޖަކީ ސީދާ އަހަންނަށް ދިން މެސެޖެއް ކަމުގައެވެ. އާއެކެވެ. އެއީ އަހަންނަށް ދެއްވި މެސެޖެކެވެ. އަހަރެންގެ ވެރި ރައްބު އަހަރެން ދޫކޮށްނުލައްވާ ކަން ހާމަ ކުރުމަށެވެ. އަދި އަހަރެންދެކެ ކޯފާވެފައި ނުވާކަން ހާމަކުރުމަށެވެ. އަދި އެކަލާނގެ އެންގެވި މަގަށް ރުޖޫޢަވާން ފުރުސަތު އޮތްކަން ހާމަކުރުމަށެވެ. سُبحَانَ الله
ލިޔުން ކުރިއަށް ގެންދަމުން ބުނެފައި ވެއެވެ. “ހަމަކަށަވަރުން މާތް ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާދެއްވާ، އަދި ފާފަ ފުއްސެވުމަށް ލޯބިކުރައްވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ އެންމެހާ އަޅުތަކުންދެކެ ލޯބިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އަހަންނަކީ ކާކުހެއްޔެވެ!! އަހަންނަކީ އެކަލާނގެ ދެއްވި ރިޒުޤުން ކައިގެން ބޮއެެގެން، އެކަލާނގެ ދެއްވި އެއްވެސް ނިޢުމަތަކަށް ޝުކުރުު ނުކޮށް، އެކަލާނގެ ދެއްވި ހިޔާވަހި ކަމުގައި އެކަލާނގެއަށް އަޅުކަން ނުކޮށް އުޅުނު މީހަކީމެވެ. ނަމަވެސް، އުޅެވުނު ގޮތާމެދު ދެރަވެ އެކަލާނގެ އެންގެވި މަގަށް ރުޖޫޢަވާން ބޭނުން ވުމުން، އަދި ﷲ ތަޢާލާ ނުރުއްސަވާފައި ވާ ކަމުގެ ބިރު ހިތަށް ވަނުމުން، އެކަލާންގެ އަހަރެންދެކެ ލޯބިވާކަމުގެ މެސެޖު އަހަންނަށް ދެއްވީއެވެ. އަދި ނުރުހުންވެ ވޮޑިގެން ނުވާކަމުގެ މެސެޖު އަހަންނަށް ދެއްވީއެވެ.”
އިތުރަށް ލިއުމުގައި ވެއެވެ. “އަހަރެންގެ އެންމެހާ ކުށްފާފަތަކަށް މަޢާފު ލިބުނު ކަހަލައެވެ. އެދުވަހު އަހަންނަށް ރޮވުނު ވަރަށް މީގެކުރިން ދުވަހަކުވެސް ނުރޮވެއެވެ. އަހަންނަށް ކުރިން އުޅެވުނު ގޮތާމެދު ވަރަށް ލަދުގަނެ ދެރަވިއެވެ. އަހަރެންގެ ޙަޔާތުގައި ފުރަތަމަ ފަހަރަށް ތަޢުބާގެ ދެ ރަކްޢަތް ނަމާދެއް ކުރީ އެދުވަހުއެވެ. ނަމާދު ކުރަމުންދިޔައިރު ވެސް އަހަރެންގެ ލޮލުން ކަރުނައެއް ނުހުއްޓެއެވެ. އަދި ނަމާދު ނިމުމުން ސަޖިދައިގައި އަހަރެން ހިތް ފުރެންދެން ރުއީމެވެ. މަޢާފަށް އެދުނީމެވެ. މީހަކަށް އިވިދާނެތީ ޖެހިލުމެއްނެތި ބާރަށް ރުއީމެވެ. ހިތްފުރެންދެން ރުއިމަށްފަހު ސަޖިދައިން ތެދުވުމުން އަހަރެންގެ ހިތަށް ލުއިވިއެވެ، އަދި ހިތްހަމަޖެހުނެވެ.”
އެދުވަހުންފެށިގެން މިއަދާހަމައަށްވެސް އަހަރެން ނަމާދެއް ދޫކޮށެއްނުލަމެވެ. ކިތަންމެ ބަލި ވިޔަސް އަދި ބުރަ ވިޔަސް، ނަމާދު ގަޑިއަށް އަދާ ކުރަމެވެ. އަހަރެންގެ ހަޔާތުގެ މަޤުސަދަކި ﷲ ތަޢާލާއާއި ރަސޫލުﷲ (صلى الله عليه وسلم ) އެންގެވި ގޮތަށް އުޅުން ކަމުގައި ހަދައިފީމެވެ. ކަޢްބާގެ ވެރި ރައްބު ގަންދީ ބުނަމެވެ. މިހާރު އެކަލާނގެ އެންގެވި ގޮތް ނޫން އެހެން ގޮތަކަށް އުޅެން އަހަރެން ލަދުގަނެއެވެ. އަދި ޖެހިލުންވެއެވެ. އަދި އެކަލާނގެއާއި އެކަލާނގެ ރަސޫލާ (صلى الله عليه وسلم ) އަށް ވުރެ ބޮޑަށް ލޯބިވާ ފަރާތެއްވެސް ނުވެއެވެ. މިހާރު އަހަރެންގެ ދިރިއުޅުން ކުރިންހާ ތަނަވަސް ނޫނަސް، މިހާރު ހިތްހަމަޖެހެއެވެ، އަދި އުފާވެރިއެވެ. އެކަލާނގެ ކުޅަދުންވަންތަކަން ނިކަން ބަލާށެވެ. އަހަރެންގެ ބަލިޙާލު ބޮޑުވެ، އެއްގޮތަކަށް ކަރުން އަޑު ނާންނައިރުވެސް، އަހަރެން ޤުރުއާން ކިޔަވަން ފެށުމުން އަހަރެންގެ ތަދަށް ލުއިކަމެއް ލިބެއެވެ. އަދި އަޑުވެސް އާދެއެވެ. އަދި މިއަދު ﷲ ގެ ރަޙްމަތުން އަހަރެންގެ ބަލި މިވަނީ އެއްކޮށް ފަސޭހަވެ، ދުވަހަކުވެސް ބައްޔެއް ނުޖެހޭ މީހަކު ފަދައެވެ. ﷲ ގެ ކުޅަދުންވަންތަ ކަމާއެވެ.
އޭ އަޚުންނާއި އުޚްތުންނޭވެ. މިދުނިޔެއަކީ އަހަރެމެން ވަރަށް ކުޑަ ދުވަސްކޮޅަކު އުޅުމަށް ވަގުތީގޮތުން ފޮނުވާފައިވާ ތަނެކެވެ. މިއީ އަހަރެމެންގެ ދާޢިމީ މަންޒިލެއް ނޫނެވެ. އަދި މިއީ އެންމެ ރީތި، އެންމެ އަރާމު، އެންމެ ހިތްފަސޭހަ މަންޒިލެއްވެސް ނޫނެވެ. ވީމާ، މިފަދަ ވަގުތީ، ފަނާވެ ދަނިވި ތަނެއްގެ އަވައިގައި ޖެހި، އަހަރެމެންގެ ދާޢިމީ މަންޒިލްގެ ނިޢުމަތްތައް ގެއްލުވާލުން އެއީ ކިހާ ބޮޑު މޮޔަ ކަމެއްހެއްޔެވެ. ﷲ ގެ މަގަށް ރުޖޫޢަ ވާށެވެ. އެކަލާނގެއީ ރަޙްމާން ވަންތަ ތަޙީމް ވަންތަ ތަސްކަލާނގެއެވެ. އަދި އެކަލާނގެ އަހަރެމެންދެކެ ވާފަދަ ލޯތްބެއް ދުވަހަކުވެސް އެއްވެސް މީހަކަށް އަހަރެމެންދެކެ ނުވެވޭނެއެވެ.

ރިފަރެންސް: މި ލިޔުމަކީ " ވަގުތު " ގައި  އޭޕްރީލް 21, 2015 ގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.
މި ލިޔުން ހިއްސާކުރައްވާ


 

Copyright © 2013. ދަރަވަންދޫ - All Rights Reserved