» , » ކައިރި މާޒީ : ރަށްގިރުމުގެ ނުރައްކާ

ކައިރި މާޒީ : ރަށްގިރުމުގެ ނުރައްކާ

ކައިރި މާޒީ
ރަށްގިރުމުގެ ނުރައްކާ

ދަރަވަންދޫ އުތުރުފަރާތު އަތިރިމަތި - 1993

ދަރަވަންދޫއަކީ އާދަޔާ ޚިލާފަށް ރަށްގިރުމުގެ މައްސަލަ ދިމާވަމުން އަންނަ ރަށެކެވެ. އެއް އަހަރުން އަނެއް އަހަރަށް ގިރާލާ ސަރަހައްދު ބޮޑުވެ ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބެމުން އައެވެ. ރަށްގިރުން ޙައްލުކުރުމަށްޓަކައި ރަށުފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ރަށުގެ ރައްޔިތުން ކުރަމުން ދިޔަނަމަވެސް އެއްވެސް ޙައްލެއް ނުލިބި ގިރުމުގެ ނުރައްކާތެރިކަން ބޮޑުވަމުން ދިޔައެވެ. އެންމެ ބޮޑަށް ރަށްގިރުމުގެ މައްސަލަ ދިމަވަމުން އައީ ރަށުގެ އިރުއުތުރު ފަރާތަށެވެ.
ރަށުގެ އިރުން ހުޅަގަށް އުތުރުފަރާތުގައި އޮންނަ އަމީނީ މަގުގެ އުތުރުގައި 1980ގެ އަހަރުތަކުގައިވެސް ގިނަ އަދަދަކަށް ރުއްގަސް ހެދިފައި އޮވެއެވެ. ރަށުގައި ބޭނުންކުރަމުން އައި ބޮޑުނެރާ ދިމާ އަތިރިމައްޗާ ހަމަޔަށް އަމީނީމަގުގެ އުތުރުގައި ގޯތިބަރިއެއް އޮވެއެވެ. އެގޯތިތަކުގެ އަތިރީގައި ހަރުގެ އަޅައި ރުއްގަސް އިންދާ ހައްދާފައި އޮންނަ ރީތި އަތިރިމަތި އޮތެވެ. އުތުރުފަރާތުން އިރުމަތިކޮޅުގައި އޮޑިދޯނިފަހަރު ވަދެ ނިކުތުމަށް އޮންނަ ބޮޑުނެރާދިމާލުގައި އޮންނަ މަސްވެރިތުޑީ އަތިރިމައްޗަކީ އަމީނީމަގާ އިންކޮށް އުތުރަށް ބޮޑު ދޮންވެލިގަޑެއް އޮންނަ ވަރަށް ރީތި އެހާމެ ބޮޑު އަތިރި މައްޗެކެވެ. މިދެންނެވި ބޮޑު އަތިރިމައްޗަކީ ގިނަ ޢަދަދަކަށް ރުށް ހެދިފައި އޮންނަ އަދި އޮޑި ދޯނިފަހަރު އެހެލާ އުޅުމަށް ބޭނުންކުރަމުން އައި އަތިރި މައްޗެކެވެ. މަސްވެރި އަތިރިމަތީގެ އެންމެ ހުޅަގުގައި ހުންނަނީ މަސްވެރިންގެ ހިޔަލެވެ. އެތަނަކީ ރާނާ ސިމެންތި ޖަހައި އެތެރޭގައި ސިމެންތިން އަށިތަކެއް އަލާފައި ހުންނަ ޢިމާރާތެކެވެ.  މަސްވެރިންގެ ހިޔަލުގެ ހުޅަގުން އިންވެގެން އޮން ގޯޅިއާއި އިންވެގެން އޮންނަނީ ދަނބުމާ ލޮޖު ގޯއްޗެވެ.

މަސްވެރިންގެ ހިޔާ ހުރި ދިމާ 2004 ވަނަ އަހަރު

1990ގެ އަހަރުތައް ފެށުނުތަނާހެން މަސްވެރިތުޑީ އަތިރި މަތީގައި ހުރިނަމަހުރި ހުރިހާރުކެއް މަސްވެރިންގެ ހިޔަލުގެ ބޮޑު ބަޔަކާއެކު ގިރާލައިގެންވެއްޓި ދިޔައެވެ. ރަށުގެ އިރުދެކުނު ކަންމަތިން ފެށިގެން މަސްވެރިއަތިރި އަމީނީމަގުގެ ދެކުނުން ބަޔަކާއެކު އެކީ އެކަށްޗަކަށް ގިރާލިއެވެ. އަމީނީ މަގުގެ އުތުރުން ދޫކޮށްފައި އޮތް ގިނަގޯތިތަކަށް ރާޅުޖަހަންފެށިއެވެ. ބައެއްގޯތީގެ އިންފާރު ވެއްޓި ގޯތިތެރޭން ބައެއް ގިރާލިއެވެ.
ރަށްގިރުމަށް ހައްލެއ ހޯދުމަށް ކުރެވުނުހާ ކަންކަން ވެގެން ދިޔައީ ބޭކާރެވެ. ރަށާގުޅުވައިގެން ލެވުނު ތޮށިބުރި ތަކަކީވެސް ހައްލަކަށް ނުވިއެވެ. ބޭރުތޮށިލުންނޫން އެހެންގޮތެއް ނެތްކަމަށް ގިނަބަޔަކަށް އެއްބަސްވެވުނެވެ. ބަނދަރެއް ނުހަދައި، އޮޑިދޯނި ފަހަރު ވަދެނިކުތުމަށާއި ދޯނިފަހަރު އަޅާފައި ބޭއްވުމަށް ބޭނުންކުރަމުން އަންނަ ދިމާގައި ބޭރު ތޮށިލައިފިނަމަ ވޮޑިގެންގޮސް ފަޅު އެކީ އެކައްޗަކަށް ހިކިގެން ދިޔުމަކީ ނުވެނުދާނެ ކަމެއްކަމުން ސަރުކާރުގެ ސަމާލުކަމަށް ރަށްގިރުމުގެ މައްސަލަ ސީރިއަސް ކަމެއްގެގޮތުގައި ގެމައުމަށް ރަށުރައްޔިތުން އިއްތިފާޤުވިއެވެ.
ރައްޔިތުންގެ ތެރެއިން ޚާއްޞަ ކޮމެޓީއެއް
ރަށްގިރުމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި ފަޅުކޮނެ ބަދަރެއް ހެދޭނެގޮތް ވޭތޯބެލުމަށް ރައްޔިތުންގެ ތެރެއިން ޚާއްޞަ ކޮމެޓީއެއް އުފައްދާ އެކޮމެޓީގެ މަސައްކަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ފައިންޕުޅުދެކި ދަރަވަންދޫގެ ޙާލަތު ބަޔާންކޮށް ދިނުމާއި ފަޅުކޮނުމަށްޓަކާ ކުރެވެން ހުރި މަސައްކަތެއް ކުރުން ހަމަޖެއްސުނެވެ.

ރަޢީސުލްޖުމްހޫރިއްޔާގެ ފައިންޕުޅުދުށުމަށްފަހު ނެގިފޮޓޯ- 1993

ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި މަސައްކަތްކުރުމަށް ރައްޔިތުން ކަނޑައެޅި ބޭފުޅުންނަކީ، 1- ދަރަވަންދޫ ކަތީބު އަލްފާޟިލް ޢަބްދުﷲ މުޢާޛު ދޭލިޔާގެ/ ބ.ދަރަވަންދޫ 2- އަލްފާޟިލް ޢަބްދުލް ޙަކީމް އިދްރީސް ވައިމަތީގެ / ބ.ދަރަވަންދޫ 3- އަލްފާޟިލް މުޙައްމަދު ނަޞީރު ޗަންޕާމާގެ/ ދަރަވަންދޫ 4- އަލްފާޟިލް މުޙައްމަދު ތައުފީޤް ރަނައުރާމާގެ / ބ.ދަރަވަންދޫ 5- އަލްފާޟިލް އަޙުމަދު ނަޒީރު އަނާ / ބ.ދަރަވަންދޫ އެވެ.
މި ލިޔުން ހިއްސާކުރައްވާ


 

Copyright © 2013. ދަރަވަންދޫ - All Rights Reserved