» , » ކައިރި މާޒީ : ދަރަވަންދޫ ރަށްގިރުން ހައްލުކުރުމާއި ބަނދަރު ހެދުމަށްޓަކައި ކުރެވުނު މަސައްކަތް

ކައިރި މާޒީ : ދަރަވަންދޫ ރަށްގިރުން ހައްލުކުރުމާއި ބަނދަރު ހެދުމަށްޓަކައި ކުރެވުނު މަސައްކަތް

ކައިރި މާޒީ :


ދަރަވަންދޫ ރަށްގިރުން ހައްލުކުރުމާއި ބަނދަރު 

   ހެދުމަށްޓަކައި ކުރެވުނު މަސައްކަތް


ރަށްގިރުމުގެ ޙާލަތު ރިޕޯޓްކުރުން


ދަރަވަންދޫ ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމަށާއި ބަނދަރު ހެދުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް ރައްޔިތުންގެ ތެރެއިން ޚާއްޞަ ކޮމެޓީއެއް އުފައްދާ އެކޮމެޓީއަށް އެމަސައްކަތް ޙަވާލުކުރުމާއެކު ސަރުކާރުގެ ސަމާލުކަމަށް އެމައްސަލަ ގެނައުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރާންފެށިއެވެ. ދުވަހުން ދުވަހަށް ރަށްގިރުމުގެ ޙާލަތު އެންވަޔަރންމެންޓް މިނިސްޓްރީއަށް ފޮނުވަމުން ގެންދާނެ އިންތިޒާމްތަކެއް ހަމަޖައްސާ ލިބެމުންދާ ގެއްލުންތަކުގެ ތަފްސީލް ސަރުކާރުގެ ކަމާބެހޭ ދާއިރާތަކަށް ފޮނުވަމުން ގެންދާން ފެށުނެވެ. ނަތީޖާއެއްގެ ގޮތުން ޙާލަތު ދިރާސާ ކުރުމަށް އެކިފެންވަރުގެ ޓީމްތައް މެދުނުކެނޑި ދަރަވަންދޫއަށް ޒިޔާރަތްކޮށް ގޮޑުދޮށުގެ ސަރވޭތައްކޮށް ރިޕޯޓްތައް އެކުލަވާލައި ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅަމުން ދިޔައެވެ. މި މަސައްކަތުގައި ޑރ. މުޙައްމަދު ޢަލީގެ އެއްބާރުލެއްވުމާ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން ގޮސްފައިވެއެވެ.


ޑރ. މުޙައްމަދު ޢަލީ

މީޑިއާގެ ސަމާލުކަން ހޯދުން


އަނެއްކޮޅުން ރައްޔިތުން އުފެއްދި ޚާއްޞަކޮމެޓީން ސަރުކާރުގެ ތަފާތުފެންވަރުގެ ވެރިންނާ ބައްދަލުކޮށް ރަށުގެ ޙާލަތު އަންގާދެމުން ގެންދިޔައެވެ. ހަމައެޔާއެކު ނޫސްތަކުގެ ސަމާލުކަން ދަރަވަންދޫ ރަށްގިރުމުގެ މައްސަލަގެނުވައި ދަރަވަންދޫ ރަށްގިރުމުގެ މައްސަލަ ނޫސްތަކުގެ ފަލަ ސުރުޚީގައި ބޭއްވުމަށް އެކިސިފަ ސިފައިގައި މަސައްކަތްކޮށް ނަތީޖާއެއް ޙާޞިލުވާންދެން މީޑިޔާގެ ސަމާލުކަން ކުޑަވިޔަނުދީ ހިފެހެއްޓިއެވެ. މީޑިޔާގެ ސަމާލުކަން ހޯދައިދީ ދެމެހެއްޓުމުގައި އަލްފާޟިލް މުޙައްމަދު ޒާހިރު ( މީމު ޒަވިޔަނި ) ގެ އިޚްލާޞްތެރި މަސައްކަތްޕުޅު ފާހަގަކޮށްލެވެއެވެ.

މުޙައްމަދު ޒާހިރު ( މީމު ޒަވިޔަނި )

މުހިންމު އެޕޮއިންޓްމެންޓްތައް

ރައީސުލްޖުމްހޫރިއްޔާގެ އެޕޮއިންޓްމަންޓް


ސަރުކާރުގެ އެތެރެއިންނާ ބޭރުން ސަމާލުކަން ހޯދުމަށް ރައްޔިތުންގެ ޚާއްޞަކޮމެޓީން ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ ދަރަވަންދޫ ރަށްގިރުމުގެ މައްސަލައަކީ ޤައުމީ މައްސަލައެއްގެ ގޮތުގައި ސަރުކާރުން ސަމާލުކަން ދޭން ޖެހުނު މައްސަލައަކަށް ވެގެން ދިޔުމެވެ. ވަޒީރުންގެ މަޖިލީހުގައި ބަހުސްކުރެވޭ މައުޟޫއަކަށް ދަރަވަންދޫ ރަށްގިރުމުގެ މައްސަލަ ވެގެން ދިއުމެވެ.
ޤައުމީފެންވަރުގައި ސަމާލުކަން ދޭ މައްސަލައަކަށް ދަރަވަންދޫ ރަށްގިރުމުގެ މައްސަލަ ހެދުމަށްފަހު ސީދާ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް މިމައްސަލަ ގެނައުމަށްޓަކައި ދަރަވަންދޫ ރައްޔިތުންގެ ޚާއްޞަ ކޮމެޓީން ކުރި ބުރަ އުދަގޫ މަސައްކަތްތަކަކަށްފަހު 15 މިނިޓްގެ އެޕޮއިންޓްމެންޓެއް ރައީސުލްޖުމްހޫރިއްޔާ ފައިންޕުޅު ދުށުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކޮމެޓީއަށް ލިބުނެވެ.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް 

މި ބައްދަލުވުމުގައި ދަރަވަންދޫ ރައްޔިތުންގެ ޚާއްޞަ ކޮމިޓީގެ 05 މެންބަރުން ބައިވެރިވެ ވަޑައިގަތެވެ. ކޮމެޓީގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ ދަރަވަންދޫ ކަތީބު އަލްފާޟިލް ޢަބްދުﷲ މުޢާޛު ޔޫސުފްއެވެ. އަނެއް ހަތަރު ބޭފުޅުންނަކީ، އަލްފާޟިލް ޢަބްދުލް ޙަކީމް އިދްރީސްއާއި އަލްފާޟިލް މުޙައްމަދު ނަޞީރު (ޗަންޕާ ނަޞީރު)އާއި މުޙައްމަދު ތައުފީޤާއި އަޙުމަދު ނަޒީރުއެވެ. ސިދާ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރުމަށް ލިބުނު 15 މިނިޓުގެ އެޕޮއިންޓްމަންޓްގައި 45 މިނިޓް ހޭދަވެގެން ދިޔައެވެ.
މައްސަލައިގެ ސީިރިޔަސް ކަމާއި ނާޒުކްކަން ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅުކުރައްވައި ދަރަވަންދޫގެ ޙާލަތު އަމިއްލަފުޅަށް ދެކެވަޑައިގަތުމަށް ދަރަވަންދުއަށް ވަޑައިގަންނަވާނެ ކަމަށާއި  ދަރަވަންދޫ ސަލާމަތްކުރެއްވުމަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތްޕުޅެއް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ކޮމެޓީއަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް ދެއްވިއެވެ.

ޕަބްލިކްވޯކްސް މިނިސްޓަރގެ އެޕޮއިންމަންޓް


ރައީސުލް ޖުމްހޫރިއޔާގެ އެޕޮއިންޓްމެންޓަށް ފަހު ހަމަ އެދުވަހު ޕަބްލިކްވޯކްސް މިނިސްޓަރ އޮނަރަބަލް ޢުމަރު ޒާހިރާއެކު ޚާއްޞަކޮމެޓީން ބައްދަލުވުމެއް ޕަބްލިކްވޯކްސް މިނިސްޓްރީގައި ބޭއްވުނެވެ. މި ބައްދަލުވުމުގައި ވާހަކަ ދެކެވުނީ ދަރަވަންދޫ ފަޅުކޮނެ ބަނދަރު ހެދުމާ ބެހޭ ގޮތުންނެވެ.
ދަރަވަންދޫ ފަޅުކޮނެ ބަނދަރު ހެދުމާ ބެހޭގޮތުން ދެކެވުނު ވާހަކައިގައި ބަނދަރު ހެދުމަށް އިސްކަންދޭ ތަރުތީބު ލިސްޓުގައި ދަރަވަންދޫ ލިސްޓްކުރެވިފައިވަނީ 47 ވަނައިގައިކަމުން ކުރިޔަށް އޮތް ހަތަރުފަސް އަހަރެއްގެތެރޭގައި އެކަން ވެދާނެ ކަމުގެ އެއްވެސް އުންމީދެއްނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތަށް ލިސްޓްކުރެވިފައިވަނީ އާބާދިއާއި ފުރާދުއްވާ އުޅަދުފަހަރުގެ ޢަދަދާއި ރަށަށް ލަފާފުރުމުގައި ހުރި އުދަގުލުގެ މިންވަރަށް ބަލައިގެންކަމަށާއި ދަރަވަންދޫއަކީ އާބާދީގައި އެއްހާސް ހަމަނުވާރަށަކަށް ވެފައި ރަށުގައި އޮންނަނީ މަހަށް ފުރާ ހަގަޑެތިކަމަށްވެފައި ވަދެނިކުތުމަށް ބޭނުންކުރާ އެކަށީގެންވާ ނެރެއް އޮތުމާއި ފަޅަކީ ތިލަފަޅަކަށް ނުވާކަމުން ކަމުގައިވެއެވެ. ދަރަވަންދޫއަށްވުރެ ބަދަރުހެދުމުގައި އިސްކަންދޭން ޖެހޭ އެތައް ރަށެއް އޮއްވައި ދަރަވަންދޫގެ ބަނދަރު މާއަވަހަށް ހެދިދާނެކަމުގެ އުންމިދެއް ނެތްކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ދަރަވަންދުއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ފަޅުކޮނެ ބަނދަރު ހެދުން މުހިންމުކަމުގައި ކަނޑައެޅިއްޖެނަމަ އަަވަސް މައްސަލައެއްގެ ގޮތުގައި ފަޅުކޮނެ ބަނދަރު ހެދުމުގެ ފުރުޞަތު އެބައޮތްކަމުގެ އުންމީދު މިނިސްޓަރު ދެއްވިއެވެ.

އޮނަރަބަލް ޢުމަރު ޒާހިރު

ރަށް ގިރުން ހުއްޓުވުމަށް ރަށުފެންވަރުގައި ބޭރުތޮށިލުންފަދަ ބޮޑުކަމެއް ކޮށް ނިންމާލެވިއްޖެނަމަ ސަރުކާރުގެ ތެރެއިން ކޮށްދެއްވެންހުރި ހުރިހާ ކަމެއް ކޮށްދެއްވައިގެން ފަޅުފުންކޮށް ބަދަރު ހެދުމުގެ މަސައްކަތް ކޮށް ދެއްވާނޭކަމުގެ ޔަޤީންކަން މިނިސްޓަރ ޢުމަރު ޒާހިރު ކޮމެޓީއަށް ދެއްވިއެވެ.
މިނިސްޓަރު ޢުމަރު ޒާހިރު ދެއްވި އުންމީދާއި ދެއްކެވި މަގުން މަސައްކަތްކޮށް ދަރަވަންދޫ ފަޅުކޮނެ ބަނދަރު ހެދުން އަވަސް ކުރުމަށް ކުރެވެން އޮތް ހުރިހާކަމެއްކޮށް އަވަސް މައްސަލައެއްގެ ގޮތުގައި ދަރަވަންދޫގެ ބަނދަރު ހެދުމުގެ މަސައްކަތް އަވަހަށް ފެށޭނެ ގޮތް ހެދުމަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ކޮމެޓީގެ ފަރާތުން މިނިސްޓަރަށް އެރުވިއެވެ.
މިދެންނެވި ކާމިޔާބު ބައްދަލުވުމުގައި ރައްޔިތުންގެ ޚާއްޞަ ކޮމެޓީގެ ބޭފުޅުންގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ބ.އަތޮޅު މެންބަރު އަދި މިނިސްޓަރ އޮފް ސްޓޭޓް ފޯ ޑިފެންސް އޮނަރަބަލް ޢަންބަރީ ޢަބްދުއްސައްތާރު ބައިވެރިވެ ވަޑައިގަތެވެ.

އޮނަރަބަލް ޢަންބަރީ ޢަބްދުއްސައްތާރު 

ޕަބްލިކް ވޯކްސް މިނިސްޓަރީގެ ފަރާތުން މިނިސްޓަރ ޢުމަރު ޒާހިރުގެ އިތުރަށް އެމިނިސްޓްރީގެ ނައިބު ކދ. އަހުމަދު މަނިކާއި ޑިރެކްޓަރ ޖެނެރަލް މައިޒާން އިބްރާހީމް މަނިކު ބައިވެރިވެ ވަޑައިގަތެވެ. ( ނުނިމޭ )
މި ލިޔުން ހިއްސާކުރައްވާ


 

Copyright © 2013. ދަރަވަންދޫ - All Rights Reserved