» » ނަސީބުގެ ނާރު

ނަސީބުގެ ނާރު


ނަސީބުގެ ނާރު
ބިންމާ އިބްރާހިމް ވަހީދު
22 މާޗް 2015

ހަވީރު ނޫހުން ނަކަލުކޮށްފައި

ދެ ހާހުގެ އަހަރުތަކުގެ ކުރީ ކޮޅެވެ. ފެތުމަކީ އަހަރެންގެ ހޮބީއެވެ. އުންމީދަކީ، އެ ރޮނގުން ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުމެވެ. ޕައިލެޓަކަށް ވުމަކީ އަހަރެންގެ ހުވަފެނެކެވެ. އެ ޔުނީފޯމު ލައިގެން، ފުރޮޅުލީ ފޮށި ހިފައިގެން ހިނގާލާފައި ދާން އަހަރެން ވަރަށް ބޭނުންވިއެވެ. އެއް ޤައުމުން އަނެއް ޤައުމަށް އުދުހެން ބޭނުންވިއެވެ. ދުނިޔެ ބަލައިލަން ވަރަށް ޝައުޤުވެރި ވިއެވެ. 

ފުރާވަރުގެ އަންހެންކުއްޖަކީމެވެ. އިސްކޫލަށް ދިޔައީ ކިޔަވާށެވެ. އޮވެވެނީ މޭޒުގައި ބޯއަޅައިގެން ނިދާށެވެ. ގިނައިން ފެތުމުގެ ސަބަބުން އަހަންނަށް ލިބިފައިވަނީ ރީތި ހަށިގަނޑެކެވެ. އެކަމަކު، އަހަރެންގެ ދުލުން ބޭރުވަނީ އެ ރީތި ސިފަޔާ ނުގުޅޭ ކަހަލަ ހުތުރު ލަފުޒުތަކެކެވެ. ރާގު ވެސް އެހާމެ ހަރުކަށްޓެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އަހަންނަށް އެ ގޮތް ރީތީ ހެއްޔެވެ؟ ނޫނެކެވެ. އެއީ އަހަރެން ބޭނުންވި ގޮތެއް ނޫނެވެ. ބަޔަކު އަހަންނަށް ދަސްކޮށްދިން ގޮތެކެވެ. 

އަހަރެންގެ މަންމަ ނިޔާވުމުން ބައްޕަ އެހެން ކައިވެންޏެއް ކުރިއެވެ. އެ ކައިވެނި ކުރިއިރު ވެސް، ދޮންމަންމަގެ ކުރީ ކައިވެންޏަކުން ލިބިފައިވާ ދެ އަންހެންކުދިން ތިއްބެވެ. އެއް ކުއްޖަކު އަހަންނަށް ވުރެ ތަންކޮޅެއް ދޮށްޓެވެ. އަނެއް ކުއްޖަކު ހަގެވެ. ފަހީމަކީ އަހަރެންގެ އެއްބަޑުއެއްބަފާ ބޭބެއެވެ. ގޭގައި ހުންނަނީ ތިން ކޮޓަރިއެވެ. މަންމަ ދުނިޔޭގައި ހުރިއިރު، އަހަރުމެން ދެބެން ނިދަނީ ދެ ކޮޓަރީގައެވެ. އެ ކޮޓަރިތައް ވަރަށް ކުއްޖެވެ. ދޮންމަންމަގެ ކުދިން އައުމުން، އެ ދެބެން އެއް ކޮޓަރީގައި ނިދަން ބޭނުން ވިއެވެ. ބައްޕަ ބޭނުންވީ ހުރިހާ އަންހެންކުދިން އެއް ކޮޓަރިއަކަށް ލާފައި ފަހީމަށް އަނެއް ކޮޓަރި ދޭށެވެ. އެހެންނަމަވެސް، އަހަންނާ އެއްކޮޓަރީގައި ނިދާކަށް ދޮންމަންމަގެ ދެބެން ބޭނުމެއް ނުވިއެވެ. ބައްޕައަށް ވުރެ ދޮންމަންމަގެ ނުފޫޒު ގަދަ ވާނެކަން އެނގިހުރެ ބައްޕަޔާ އަހަރެން މަޝްވަރާ ކުރީމެވެ. 

"މަށަށް އޯކޭ ތަޅުންގަނޑުމަތީގަ ގޮދަޑިއެއް ބާއްވައިގެން ނިދަންޖެހުނަސް،" އަހަރެން ބުނީމެވެ. "އެހެން ކުދިންނަށް އެނދުގަ ނިދޭނެއްނު!"


"ބައްޕަ ތި ކަމަށް ގޮތެއް ނުކިޔާނަން،" ބައްޕަގެ ޖަވާބު ވަރަށް ކުރެވެ. "ބައްޕައަށް ފެންނަނީ ދަރިފުޅު ވެސް ގޮތެއް ނުކިޔަން."


ގެއަކީ ބައްޕަގެ ގެއެއް ނަމަވެސް، ވެރިކަން ކުރަނީ ދޮންމަންމައެވެ. އެންމެ ފަހުން ފަހީމާއި އަހަރެން ނިދަން ޖެހުނީ އެއް ކޮޓަރީގައެވެ. އެއީ، ދެ ކޮޓަރީގެ ތެރެއިން އެންމެ ބާ ކޮޓަރިއެވެ. ފާޚާނަ ހުންނަނީ ވަކިންނެވެ. އޭރު އަހަންނަށް ސާދަ އަހަރެވެ. ވުމާއެކު، އަހަންނަށް ކުރިމަތިވި ގޮންޖެހުންތައް ގިނައެވެ. ކެތްކޮށްލީ އެހެން ގޮތެއް ނެތީމައެވެ. 
 
އަހަރެން އަބަދު ވެސް ނިދަނީ ބޮކި ދިއްލައިގެންނެވެ. އަނދިރީގައި ނިދަން އަހަންނަށް އުނދަގުލީއެވެ. އެއް ރޭ އަހަންނަށް ހޭލެވުނީ އެހެން އުނދަގޫތަކެއް ވެގެންނެވެ. ހޭލެވުނުއިރު ތަނުގައި މާ ބޮޑު އަލިކަމެއް ނެތެވެ. ސިޓިންރޫމު ދިއްލާފައި ހުރުމުން ކުޑަދޮރުން ވަދެފައިވާ ފަނޑު އަލިކަމެއް ފިޔަވައެވެ. ފުރަތަމަ އަހަންނަށް ލިބުނީ ހައިރާންކަމެކެވެ. އަހަރެންގެ އެނދުގައި މީހަކު އިށީނދެގެން އިނީމައެވެ. ވެގެން އުޅެނީ ކީއްކަމެއް އޭރަކު ނޭނގެއެވެ. އެހެންނަމަވެސް، އިސާހިތަކު ފަހީމުގެ މޫނު ވަކިކުރަން އެނގިއްޖެއެވެ. އެއްބަނޑުއެއްބަފާކަމުގެ އޮޅިގަނޑު އޭނަ ގިރާކުރަމުން ދިޔައީ ކުޑަ ވެސް ފަސްޖެހުމެއް ނެތިއެވެ. އިހުސާސް ކުރެވުނު ލަދުވެތިކަމެއްގެ ބޮޑުކަމުން ހޭލެވުނުކަން އަންގާކަށް ނުކެރުނެވެ. 

އަހަންނަށް ހޭލެވުނުކަމެއް ފަހީމަކަށް ނޭނގެއެވެ. ނިދީގައިކަމަށް ހެދިފައި އަނެއް ފަރާތަށް ފުރޮޅިލީމެވެ. ނަސީބަކުން އެ ރޭ ސަލާމަތް ވިއެވެ. އެހެންނަމަވެސް، އިރު އަރަންދެން އަހަރެން އޮތީ ހޭލައެވެ. ހިތުގެ ވިންދު ހަމައަކަށް އެޅެން އެތައް ވަގުތެއް ނެގިއެވެ. 

ހެނދުނު އެ ވާހަކަ ދައްކާކަށް ނުކެރުނެވެ. ދެނެހުރިކަމަކަށް ނުހަދަމެވެ. އެކަމަކު، ދެވަނަ ރޭ ނިދާކަށް އެހާ ފަސޭހައެއް ނުވިއެވެ. ނިދުނީ ނުނިދަން އޮއްވައެވެ. އެ ރޭ ހޭލެވިގެން އެ ކަމާ ކުރިމަތިލީމެވެ. އަހަރެން ހީކުރީ އޭރުން އެ ކަމުން ސަލާމަތް ވާނެ ކަމަށެވެ. ހީކުރި ވަރަށް ވުރެ ފަހީމު ގޮތްކުޑައެވެ. ހަޅޭއްލަވާކަށް އަހަންނަކަށް ނުކެރުނެވެ. ދުވާލުވުމުން ކަމެއް ނުވާކަމަށް ހެދިގެން އުޅެނީއެވެ. 

އެއްބަނޑުއެއްބަފާ ބޭބެގެ ނިޔަތް އެހާ މުޑުދާރު ވެދާނެ ކަމަކަށް، ފަހަރެއްގައި އަހަރެން ހިއެއް ނުކުރަމެވެ. އެހެން މީހެއް ގާތުގައި އެ ވާހަކަ ބުނަން އަހަންނަށް ނުކެރުމުން އޭގެ ނާޖާއިޒު ފައިދާ ފަހީމު ނެގިއެވެ. އަހަރެން ޖެހުނީ އޭނަގެ މުށުތެރޭގައި ހައްޔަރުވެގެން އޮންނާށެވެ. އެ ގޮތެއް ކަމަކުނުދިޔައެވެ. ބައްޕަ ގާތުގައި ބުނާކަށް ނުކެރުނެވެ. އަހަރެންގެ ބައްޕައަކީ ދިގުލީ ބައްޔެއްގައި އުޅޭ މީހެކެވެ. ގޭތެރޭގައި ވާ ކަންތައްތައް ބައްޕައަކަށް އެހާ ރަނގަޅަކަށް ނޭނގޭނެއެވެ. އަހަރެން ދައްކާ ވާހަކަ ދޮންމަންމަ ގަބޫލު ކުރާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. 

ލިބެމުންދިޔަ ޖިންސީ ގޯނާތައް ގިނަވާން ފެށިއެވެ. ހަރުކަށިވާން ފެށިއެވެ. އެންމެ ފަހުން، ހިތްވަރު ކޮށްފައި ދޮންމަންމަ ގާތުގައި ބުނީމެވެ. ގަބޫލެއް ނުކުރިއެވެ. ދޮންމަންމަ ދެކޭގޮތުގައި ކޮޓަރި ކަމުނުގޮސްގެން އަހަރެން ވާހަކައެއް ހަދައިލީއެވެ. 

"ލަދެއް ވެސް ނުގަނޭތަ ބޭބެޔޭ ކިޔައިގެން ތި ކަހަލަ ވާހަކަ ދައްކާކަށް؟" ދޮންމަންމަ ހިތްހަމަނުޖެހިފައި ބުންޏެވެ. "ތީ މިއަދު އަލަށް އޭނައަށް ފެނުނު ކުއްޖެއްތަ؟"


"މަ ބޭނުމެއް ނޫން ދެން އެ ކޮޓަރީގަ..." އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ. 


"މި ގޭގެ ހަތަރު ފާރުން އެތެރޭގަ މަށަށް އިންޒާރު ނުދެއްޗޭ އިނގޭ!" ދޮންމަންމަ އިންޒާރު ދިންއިރު ހީވަނީ ބޭރުން އައި މީހަކީ އަހަރެންހެންނެވެ. "ހަމަ އެ ކޮޓަރީގަ ނިދަން ޖެހޭނީ."


އަސްލު ސަބަބު އަހަންނަށް ވިސްނުނީ ފަހުންނެވެ. ދޮންމަންމަ އެ ވާހަކަ ގަބޫލު ކޮށްފިއްޔާ އަހަރެން ބާއްވަން ޖެހޭނީ ދޮންމަންމަގެ ކުދިން ގާތުގައެވެ. އެ ކަމެއް ނުވާނެއެވެ. ވީމާ، އަހަންނަށް އޮތް ގޮތަކީ ކެތްކޮށްލައިގެން ހުރުމެވެ. އަހަންނަކަށް ކެތެއް ނުކުރެވުނެވެ. އެ ދުވަސްވަރަކީ، އެހީ ހޯދޭނެ ގޮތްތަކެއް ފަހި ވެފައި އޮތް ދުވަސްވަރެއް ނޫނެވެ. އަހަންނަށް އޮތް ހަމައެކަނި ގޮތަކީ ފުލުހުންނަށް އެންގުމެވެ. އެހެން ހިތަށްއަރުވާލުމުން ވެސް އަހަރެންގެ ހަތަރެސްފައި ފިނިވެއެވެ. ދެން ކަންތައް ވާނެ ގޮތް ނޭނގޭތީއެވެ. ސުވާލުތަކުން ސިކުނޑި ފުރޭހާ ވެއެވެ. އަހަރެން ދައްކާ ވާހަކަ ފުލުހުން ގަބޫލު ކުރާނެބާއެވެ؟ ކުށްވެރި ވާނީ ކާކުބާއެވެ؟ މީހުން ކިޔާނީ ކީކޭބާއެވެ؟ އަހަރެން ގެއިން ނެރެލަފާނެބާއެވެ؟ އިސްކޫލުން ކަނޑައިލާނެބާއެވެ؟ އެއްވެސް ސުވާލެއްގެ ޖަވާބެއް ނޭނގެއެވެ. 

ރޭގަނޑު ގެއިން ބޭރަށް ނުކުންނަން ފެށީމެވެ. އުޅެނީ ރައްޓެހިންގެ ގޭގޭގައެވެ. އެ ކަމާ ދޮންމަންމަ މައްސަލަޖައްސަން ފެށިއެވެ. އެއްޗެހި ކިޔަން ފެށިއެވެ. ކަމުގެ ޙަޤީޤަތް އެނގި ހުރެ ދޮންމަންމަ އެއްޗެހި ކިޔާތީ އަހަރެން ގާތަށް ރުޅިއަންނަން ފެށިއެވެ. ޒުވާބުކުރަން ފެށީމެވެ. ބޭބެ ރޭގަނޑު އަހަންނަށް ނަގައިދޭ ފިލާވަޅުތަކުން އަހަރެން ހުރީ އެދުރު ވެފައެވެ. ލަދުކެނޑި، ބިރުކެނޑިފައެވެ. ދޮންމަންމައަށް އެންމެ ތަންފުކެއް ވެސް ދޫ ނުދެމެވެ. ބައްޕަ ގަބޫލުކުރަނީ ދޮންމަންމަ ދައްކާ ވާހަކައެވެ. އެ ހިސާބުން އަހަންނަށް ވިސްނުނީ، އަހަންނަށް ހެޔޮއެދޭ އެކަކު ވެސް ގޭގައި ނެތްކަމެވެ. 

ބޭރުތެރެއިން އަހަންނަށް އާ ރައްޓެހިންތަކެއް ލިބުނެވެ. އާ ކަންތައްތަކެއް ދަސްވިއެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމުން، މަސްތުވާ އެއްޗެހިން، ހަށި ވިއްކުމަށް މަގު ފަހި ވިއެވެ. އެއްބަނޑުއެއްބަފާ ބޭބެގެ ފަރާތުން ލިބުނު ގޯނާއަށް ވުރެ ދުރުހިލޭ މީހުން ދިން "ހަދިޔާ" އަހަންނަށް ރަނގަޅު ވިއެވެ. ފައިސާ ލިބޭތީއެވެ. އެ އަށް މީރު އެއްޗެހި ކެވޭތީއެވެ. އަގު ބޮޑު އެއްޗެހި ގަނެވޭތީއެވެ. އެ ހުރިހާ ކަމަކަށް ވުރެ ވެސް ބޮޑަށް އަހަރެންގެ ހިތަށް ލިބުނު ހަމަޖެހުމަކީ، ގެއިން ބޭރުން ބައްދަލުވާ އެއްވެސް މީހަކީ އެއްބަނޑުއެއްބަފާ ބޭބެއަށް ނުވިކަމެވެ. ގެއިން ބޭރުގައި ކުރި ހުރިހާ ކަމެއް އަހަންނަށް ރަނގަޅުވީ އެ ހިސާބުންނެވެ. 

ދުވާލު އަހަރެން އިސްކޫލަށް ދަމެވެ. އެ ވަގުތުކޮޅު ވެސް ގޭގައި ނުހުރުމަށް ޓަކައެވެ. ކިލާހުގައި އަހަރެން އޮންނަނީ ނިދާފައެވެ. ކިލާސް ކުދިންނާއި ޓީޗަރުން ވެސް ސުވާލު ކުރެއެވެ. ހިތަށްއަރައިފިއްޔާ އަހަރެން ޖަވާބު ދެމެވެ. ގިނަ ފަހަރަށް އަޅައެއްނުލަމެވެ. އަހަރެންގެ ހާލަތު އެހެން މީހަކަށް ވަޒަން ކުރެވޭނީ އަހަރެންނަށް ކުރިމަތިވި ކަންތައްތައް ކުރިމަތި ވީމައެވެ. އެކި ކުދިން އެކި ގޮތަށް އަހަރެން ލޭބަލު ކުރިއެވެ. މަލާމާތްކޮށް ގަނާކުރިއެވެ. އަހަންނަށް ކުޑަ ވެސް އަސަރެއް ނުކުރެއެވެ. ހެޔޮއެދޭކަމަށް އަހަންނަށް ގަބޫލު ކުރެވޭ މީހުންނަށް އަހަރެންގެ ވާހަކަ ކިޔައިދެމެވެ. 

"ތި ނޫން އެހެން ގޮތެއް ޖެހޭނީ ހޯދަން،" އޯގާތެރި މީހުން ބުނެއެވެ. "ހެޔޮނުވާނެ ތިހެން އުޅެން. ފާފައިގެ މައްޗަށް ފާފަ."


"ގޮތެއް ހޯދައިދީ،" ކޮންމެ މީހެއް ގާތުގައި ވެސް އަހަރެން ބުނަމެވެ. "މަ ވެސް ބޭނުމެއް ނޫނޭ މިހެން އުޅޭކަށް. މަށަށް އެހެން ގޮތެއް ހޯދައިދީ. އުޅޭނެ ތަނެއް ހަމަޖައްސައިދީ. އޭރުން ނޫޅޭނަން މިހެނެއް. ނޫނީ މަ ހަދަންވީ ގޮތެއް ބުނޭ. ގޭގަ ވިއްޔާ ބޭބެ. ބޭރުގަ ވިއްޔާ ދުރުހިލޭ މީހުން. ކިހިނެއް މަ ހަދަންވީ؟"


އެ ހިސާބުން މީހުންގެ އަނގަ ބަންދު ވެއެވެ. އެކަކަށް ވެސް އަހަންނަށް އެހީއެއް ނުވެވުނެވެ. އަހަންނަކީ ރީތި ހުވަފެންތަކެއް ދުށް، ބާއްޖަވެރި މާދަމައަކަށް އުންމީދުކުރި އަންހެންކުއްޖަކީމެވެ. ހަށިވިއްކުމަކީ އަހަރެން ކުރަން ބޭނުންވި ކަމެއް ނޫނެވެ. އެ ވަޅުގަނޑަށް އަހަރެން ވެއްޓެން ދިޔައިރު، އެތައް ބަޔަކަށް އަތް ދިއްކުރީމެވެ. އެކަކު ވެސް އަހަރެންގެ އަތަކު ނުހިފިއެވެ.

މިއަދު އަހަރެންނަކީ ބޭކާރު މީހެކެވެ. އަހަރެންގެ ނަސީބު ނާރު ބަޔަކު ބުރިކޮށްލީއެވެ. ބަދުނަސީބު ކުރިމަތިވުމުން މަލާމާތް ކުރަން ވެސް ތިބީ ހަމަ އެ މީހުންނެވެ. ފާރުބުރިއެއް މަތީގައި، ފޯނުކޯލެއްގެ އިންތިޒާރުގައި އަހަރެން އިންއިރު، ޕައިލެޓު ޔުނީފޯމުގައި ގެއަކުން ނުކުތް އަންހެނަކު އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އަހަރެންގެ ދެ ލޯ ކަރުނުން ތެންމާލިއެވެ. ރޯކަށް ބޭނުމެއް ނޫނެވެ. ހިތާހިތުން ބުނެލީމެވެ. ހިތާއެވެ. ނުރޯށެވެ. ތި އަޑެއް މީހަކު ނާހާނެއެވެ. 

މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. 

ނިމުނީ
މި ލިޔުން ހިއްސާކުރައްވާ


 

Copyright © 2013. ދަރަވަންދޫ - All Rights Reserved