» , » މާފިލާފުށީގެ "ޕިކްނިކް ހޯމް"ތައް ދަރަވަންދޫއަށް

މާފިލާފުށީގެ "ޕިކްނިކް ހޯމް"ތައް ދަރަވަންދޫއަށް

މާފިލާފުށީގެ "ޕިކްނިކް ހޯމް"ތައް ދަރަވަންދޫއަށް


"ޅ. މާފިލާފުށީގެ ފަޅަށް ވަނުމާއެކު ވެސް ފެނުނީ ދިރުމެއް ނެތް މަންޒަރެކެވެ. ރަށަށް ފޭބުމުން މަރުހަބާކީ ސިފައިންގެ އެކި ފަންތީގެ އޮފިސަރުންނެވެ. ރަށު ތެރެއަށް ވަދެގެން ދިޔައިރު ވެސް ފެންނަން ހުރީ މަދު ގެއެކެވެ.  ޙަޤީޤަތަކީ މިހާރު އެއީ އަސްކަރީ ތަމްރީން ދޭ ރަށެއް ކަމެވެ. ތަންތަން ކޮޅުން ހަތިޔާރާ އެކު ހަރަކާތްތެރިވާ ސިފައިން ފެނެއެވެ. ސިފައިންގެ ތަމްރީން މަރުކަޒާ ހަމައަށް ދެވުނު އިރު މުޅި ރަށް ސިފަކުރެވުނީ އަސްކަރީ ބޭހެއްގެ ގޮތުގަ އެވެ."  މިއީ ހަވީރު ޑެއިލީގެ ނޫސްވެރިޔަކު ޅ. މާފިލާފުށި 2011 ވަނަ އަހަރު ސިފަކޮށްދީފައިވާ ގޮތެވެ.
މާލޭގައި އޮތް ރަސްކަމާ ދެކޮޅަށް އެއް ދުވަސްވަރެއްގައި އާ ރަސްކަމެއް ވެސް ހިންގި މި ރަށުގައި ދެ ވަނަ ފަހަރަށް މީހުން އާބާދުވީ މީގެ 26 އަހަރު ކުރިން އޭރުގެ ސަރުކާރުން އެއީ އަލަށް އާބާދުކުރާ ރަށެއްގެ ގޮތުގައި ހަމަޖެއްސުމުންނެވެ.  މާފިލާފުށި ފަޅު ރަށެއްގެ ގޮތުގައި އޮއްވާ އެރަށް މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ހަމަޖައްސާ މީހުން އާބާދުކުރުމުގެ ގޮތުން ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި މާފިލާފުށީގައި ޢިމާރާތެއްގެ ބިންގާ އަޅުއްވައިދެއްވީ 1988 އޮގަސްޓް 06 ގައެވެ. މާފިލާފުށި މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި މައުމޫން ސަރުކާރުން ހަމަޖެއްސީ އޭރުގެ ސަރުކާރުން ކުރިއަށްގެންދިޔަ އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުންނެވެ.
މާފިލާފުށި ފަޅުރަށެއްގެ ގޮތުގައި ހަމަޖެއްސީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 އޮކްޓޫބަރު 14 ގައެވެ. މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން މި ރަށަށް ބަދަލުވިއެވެ.  ޚާއްސަކޮށް މާލޭގައި ދިރިއުޅޭނެ ގޯއްޗެއް ނެތް މީހުން އޭގެ ތެރޭގައި ގިނައެވެ.
އާމުދަނީ ހޯދާނެ ގޮތްތައް ނެތުމާއި ދިރިއުޅެން ފަސޭހަ ނުވުމުގެ ސަބަބުން މި ރަށުގެ އާބާދީގައި 200 މީހުންވެސް ހަމަނުވިއެވެ.   2011 ވަނަ އަހަރު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން މި ރަށް ފަޅު ރަށަކަށް ބަދަލުކުރިއެވެ.  ދެން ކުރިމަތިވީ އެ ރަށުގެ ރައްޔިތުންނަށް ދެން ދާނީ ކޮން ތާކަށް ހެއްޔެވެ؟
ބައެއް މީހުން ރަށް ދޫކޮށް ދިޔައެވެ.  ނަމަވެސް 100 ވަރަށް މީހުން ރަށުގައި މަޑުކޮށްގެން ތިއްބެވެ.  ރަށުގައި މަޑުކުރި މަދު ބަޔަކަށް ކުރިމަތިވީ އުނދަގޫ ދިރިއުޅުމަކާއެވެ.  އަސްކަރީ މަރުކަޒަށް ބަދަލުވުމާއެކު، ބަޑިއާއި ބޮމުގެ އަޑުން ރަށް ގުގުމަން ފެށިއެވެ.
"ބައެއް ގޭގޭގައި ރެނދުލާފައި އެބަހުރި. ތަމްރީނުތައް އޮންނަ ދުވަސްވަރެއް ނަމަ ރޭގަނޑު ނުނިދޭނެ. ހީވާނީ ހަނގުރާމައެއްގެ ތެރޭގައި އުޅޭހެން. ބަޑި އާއި ބޮމުގެ ހަމަލާތައް ބޮލަށް އަރައިފާނެހެން ހީވަނީ،" މި ރަށުގައި ގާއިމުކޮށްފައިވާ ސިފައިންގެ ތަމްރީން ސްކޫލް ހުޅުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް މުޙައްމަދު ވަޙީދު ޙަސަން މަނިކާއި ސަރުކާރުގެ އިސް ވެރިންނަށް ހާލަތު ބަޔާންކޮށްދިނުމަށް ބޯޑެއް ހިފައިގެން ހުރި އުމުރުން ދުވަސްވީ މީހަކު ބުނިކަމަށް "ހަވީރު ޑެއިލީ" ގައި ލިޔެފައި ވެއެވެ.

އެ ހިސާބުން ފެށިގެން ރައްޔިތުން މި ކަމާއި ދެކޮޅަށް އިހުތިޖާޖުކޮށް ދެކޮޅު ހަދަމުން އައިސްފައިވެއެވެ.   ސިފައިންގެ ތަމްރީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތަށް ސަރުކާރު އިސްވެރިން ޅ. މާފިލާފުއްޓަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން ރަށުގެ ރައްޔިތުންގެ ގިނަ ބަޔަކު ކުރި އިހުތިޖާޖާއި ގުޅިގެން އަލުން އެ ރަށުގައި މީހުން އާބާދުކުރުމުގެ ވިސްނުން ކެބިނެޓުން ނިންމެވިއެވެ.  ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވިކަމަށް "ހަވީރު" ނޫހުގެ ފަރާތުން ރިޕޯޓްކޮށްފައި ވެއެވެ.   މާފިލާފުށި މި ވަގުތު ފަޅުރަށެއްގެ ގޮތުގައި އޮތް ނަމަވެސް އެރަށް އަލުން އާބާދުކުރުމާ މެދު ކެބިނެޓުން މަޝްވަރާކުރަމުން އަންނަ ކަމަށާއި ކެބިނެޓްގެ ސަބް ކޮމެޓީއެއްގައި މި މައްސަލަ އޮތްކަމަށް ޕްރެސް ސެކްރެޓަރީއާއި ޙަވާލީދީ "ހަވީރު" ނޫހުގައި ލިޔެފައި ވެއެވެ. 
އެ ރަށުގައި ސިފައިން ހިންގާ އަސްކަރީ ތަމްރީނުތަކުގެ ސަބަބުން އެ ރަށުގައި ދިރިއުޅެން އުނދަގޫވެފައިވާ ކަމަށާއި ނަމަވެސް އެހެން ރަށަކަށް ބަދަލުކުރާ ނަމަ ބޭނުންވަނީ މާލެ ނުވަތަ ހުޅުމާލޭން ބިމެއް ކަމަށް އެ ރަށު މީހުން ކުރިން ބުނެފައިވެ އެވެ.
ފަޅު ރަށެއްގެ ގޮތުގައި 2011 ވަނަ އަހަރު ސަރުކާރުން ކަނޑައެޅި ޅ. މާފިލާފުށީގައި ވަޒަންވެރިވި މީހުންގެ ތެރެއިން ހަތް އާއިލާއަކަށް ހުޅުމާލެ އިން 2013 ވަނަ އަހަރު ފްލެޓް ދޫކޮށްފައި ވެއެވެ. 
ހައުސިން މިނިސްޓްރީގެ އޮފިޝަލަކާއި ޙަވާލާދީ "ހަވީރު" ނޫހުގައި ލިޔެފައި ވެއެވެ.   "މިހާރު އަސްކަރީ ޓްރެއިނިން މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ މާފިލާފުށި ފަޅު ރަށެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެން އެ ރަށުގެ އާބާދީ އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް 2012 އަހަރު ފަށާފައިވާ ކަމަށާއި މި ގޮތުން ކެބިނެޓުން ނިންމާފައި ވަނީ އެ ބަޔަކު އަސްލު ރަޖިސްޓްރީ އޮންނަ ތަނަކުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.   މި ގޮތުން މި އަހަރުގެ ކުރީކޮޅު އެ އަތޮޅު ނައިފަރުގެ ރޯހައުސްތަކުން ވަނީ އަށް އާއިލާ އަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ."
"އެ ރަށުގެ އާބާދީގެ ތެރެއިން ގާތްގަނޑަކަށް ހަތްދިހަ ޕަސެންޓަކީ މާލެ އަށް ނިސްބަތްވާ މީހުން. އެ ރަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން މާލޭގައި އަމިއްލަ ނަމުގައި ނުވަތަ ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި އެއްވެސް ބިމެއް ނެތް މީހުންނަށް ހުޅުމާލެ އިން ފްލެޓް ދިނުމަށް ނިންމީ.  އެ މީހުންނަކީ އޮރިޖިނަލީ މާލޭ މީހުން ކަމަށްވާތީ.  އެ ގޮތުން ދިހަ ވަރަކަށް އާއިލާ އެބަތިބި.  އޭގެ ތެރެއިން މިހާތަނަށް ހަތް އާއިލާއަކަށް ފްލެޓް ދީފައި މި ވަނީ،  ބާކީ ތިބި ވިއްސަކަށް އާއިލާއަކީ މާލޭގައި ގޯތި ހުރި ފަރާތްތައް ކަމަށާއި "ޕިކްނިކް ހޯމް" ގޮތުގައި މާފިލާފުށީގައި ގެދޮރު އަޅައިގެން އުޅޭ މީހުން ވެސް އެބަ ތިބި، ވަރަށް ރީތި ގެތައް އަޅާފައި އެބަހުރި.  އެ ތަންތަނަށް ސަރުކާރުން ބަދަލު ދޭނެ،" ހައުސިން މިނިސްޓްރީގެ އޮފިޝަލާއި ޙަވާލާދީ "ހަވީރު" ނޫހުގައި ލިޔެފައިވެއެވެ.
މާފިލާފުށިން މީހުން ބަދަލުކުރުން ރައީސް ޔާމީންގެ ސަރުކާރުގެ 100 ދުވަހުގެ އަމާޒެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު އެ ރަށުން މީހުން އެހެން ރަށްރަށަށް ބަދަލު ކުރުމުގެ މަސައްކަތް ކޮށްދެނީ ސިފައިންނެވެ.
ޅ. މާފިލާފުށީގައި ދިރިއުޅެމުން ދިޔަ މަދު އާއިލާތައް އެ ރަށުން ބޭލުމުގެ މަސައްކަތް 2014 ވަނަ އަހަރުގެ ފެބުއަރީ މަހުގެ ނިޔަލަށް ނިންމާލުމަށް ސަރުކާރުން މަސައްކަތްކޮށްފައި ވެއެވެ.  އޭރު ތިބީ 4 އާއިލާއެކެވެ.  މާފިލާފުށީގައި ތިބި ހަތަރު އާއިލާގެ ތެރެއިން ދެ އާއިލާ ހުޅުމާލެއަށާއި އެއް އާއިލާ ހދ. ކުޅުދުއްފުއްޓަށް އަދި ބާކީވާ އާއިލާ ނ. ލަންދޫ އަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ޅ. އަތޮޅު ކައުންސިލްގެ ރައީސާއި ޙަވާލާދީ "ވީނިއުސް"ގައި ލިޔެފައިވެއެވެ. 
2014 ވަނަ އަހަރު ޅ. ކުރެންދޫ ރައްޔިތުންގެ ތެރެއިން ބަޔަކު އެދެމުންދާތީ އެ އަތޮޅު މާފިލާފުށްޓަކީ ކުރެންދޫގެ އަވަށެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރުމަށް އެމްޑީޕީން ނިންމިއެވެ. 
އެމްޑީޕީން މި ގޮތަށް ނިންމީ 2014 މެއި 13 ގައި ބޭއްވުނު އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީ 167 ވަނަ ބައްދަލުވުމުގައެވެ.
އެމްޑީޕީގެ ވަގުތީ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި މާފިލާފުށި ކުރެންދޫގެ އަވަށެއްގެ ގޮތުގައި ހަމަޖެއްސުމަށް އެމްޑީޕީން މަސައްކަތް ކުރަން އެ ޕާޓީން ނިންމީ އެ ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ސޮއިކޮށް ހުށަހެޅި ޕެޓިޝަނަކާއި ގުޅިގެންނެވެ.
ޅ. މާފިލާފުށިން މީހުން ބަދަލުކުރުމުގެ މަސައްކަތުގައި ހައުސިން ޔުނިޓެއް ދިނުމުގެ މިންގަނޑަށް ފެތިފައި ނުވާ ފަރާތްތަކުގެ ގޯތީގެ ބަދަލުގައި ގޯތިދިނުމަށާއި، ގޯތީގައި ކޮށްފައިވާ މަސައްކަތްތަކުގެ އަގަށް ބަދަލު ދިނުމަށް ސަރުކާރުން ނިންމެވީ 2014 ގައެވެ.
ސަރުކާރުން ނިންމާފައިވަނީ މާލެއާއި މާލެ ސަރަހައްދުގައިވާ ގުޅީފަޅު، ވިލިމާލެ، މާލެ، އަދި ހުޅުމާލެ ފިޔަވާ މީހުން ދިރިއުޅޭ ރަށްރަށުން އެރަށަކުން އާއްމުކޮށް ދޫކުރާ ބޮޑުމިނުގެ ގޯތި ދޫކުރުމަށް ކަމަށް ހައުސިން މިނިސްޓްރީއާއި ޙަވާލާދީ "ވީނިއުސް" ގައި ލިޔެފައި ވެއެވެ.
މާފިލާފުށިން ގޯތި ނަގާފައިވާ ފަރާތްތަކުގެ ތެރެއިން އެފަރާތްތަކުގެ ގޯތި ގެދޮރަށް ބަދަލު ލިބިފައިނުވާ ފަރާތްތަކުގެ ގޯތީގެ ބަދަލުގައި ގޯތި ހޯދުމަށްޓަކައި، ގޯތި ބޭނުންވާ ރަށެއް ބަޔާންކޮށް 2014 ޑިސެންބަރު 31 ގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުމަށް ފުރުސަތު ދީފައި ވެއެވެ.
މި ގޮތުން ހުޅުވާލެވުނު ފުރުސަތުގައި ބ. ދަރަވަންދޫއިންވެސް ގޯތި ހޯދުމަށް ޅ. މާފިލާފުށިން ގޯތި ލިބިފައިވާ ފަރާތްތަކުން އެދިފައިވެއެވެ.  13 ފަރާތަކުން ދަރަވަންދޫއިން ގޯތި ހޯދުމަށް ހުށަހަޅާފައިވާކަމަށް ދަރަވަންދޫ ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.  މި ކަމާއި ގުޅޭ ގޮތުން މަޢުލޫމާތު ދީފައިވަނީ ކައުންސިލްގެ ފަރާތުން ބޭއްވުނު ރައްޔިތުންގެ އަޑު އެހުމެއްގައި މި އެޕްރީލް މަހުގެ ކުރީ ކޮޅުގައެވެ.  މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން މަޢުލޫމަތު ދީފައިވާ ގޮތުން 13 ގޯތި ކަނޑާ ދިނުމަށް އެދި ހައުސިން މިނިސްޓްރީގެ ފަރާތުން ފެބުރުއަރީގައި އެދި ފައިވާ ކަމަށާއި ރަށުގެ ހާލަތާއި ގުޅޭގޮތުން ކައުންސިލްގެ ކަންބޮޑުވުންތައް ބަޔާންކޮށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
މާފިލާފުށީގެ މީހުންނަށް ދަރަވަންދޫއިން ގޯތި ދިނުމަށް ސަރުކާރުން ނިންމައި އެ ކަން ދަރަވަންދޫ ކައުންސިލުން ރައްޔިތުންނާއި ހިއްސާކުރުމާއެކު ރައްޔިތުން މި ކަމާއި ދެ ކޮޅުކަން ހާމަކޮށްފައި ވެއެވެ.  ރަށުގެ ގިނަ ރައްޔިތުންތަކެއް ބައިވެރިވެ ގިނަ ދުވަސްތަކެއް ވަންދެން މުޒާހަރާކޮށްފައިވެއެވެ.  މި މުޒާހަރާތަކުގައި މި ކަމާއި ދެ ކޮޅު ކަން ބަޔާންކޮށް ގިނަ ފަރާތްތަކުން ޝުޢޫރު ފާޅުކޮށްފައި ވެއެވެ.  މާފިލާފުށީގެ ގޯތިތަކުގެ ބަދަލުގައި ދަރަވަންދޫއިން ދޫކުރުމަށް އަންގާފައިވާ 13 ގޯތީގެ މައްސަލާގައި ރައްޔިތުންގެ ކަން ބޮޑުވުން ހާމަކޮށް ގިނަ އަދަދެއްގެ ރައްޔިތުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖުލިހަށް ހުށަހަޅާފަ އެވެ.

ދަރަވަންދޫގައި އެއަރޕޯޓެއް ގާއިމުކުރުމާއި ގުޅިގެން ދަރަވަންދޫގެ ބިމުގެ އަގުވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ.  ރަށު ފަތުރުވެރިކަން ފުޅާވަމުން ކުރިއަރަމުން އަންނަ އިރު، މާފިލާފުށީގެ "ޕިކްނިކް ހޯމް" ތަކުގެ ވެރިންނާއި ފަތުރުވެރިކަމުގެ ވިޔަފާރީއަށް ވަނުމަށް އެދޭ " އޮރިޖިނަލީ މާލޭ" މީހުންނަށް އަގަކާއި ނުލައި މި ދެވޭ ބިމަކީ ހަދިޔާއެއް ނޫނީ މިއީ ދެން ފަހެ ކޮން އެއްޗެއްތޯ އެވެ؟
މި ލިޔުން ހިއްސާކުރައްވާ


 

Copyright © 2013. ދަރަވަންދޫ - All Rights Reserved