ފޮޅުމުގެ ކުރިން
ބިންމާ އިބްރާހިމް
ވަހީދު
25 ޖެނުއަރީ 2015
ހަވީރު ނޫހުން
ނަކަލުކޮށްފައި
ނިދިން ހޭލާފައި
ވެސް އަހަންނަށް އޮވެވުނީ އެވެ. ކޮވެލި ގޮވާ އަޑުއަހާށެވެ. ކާޅު ގޮވާ އަޑު
އަހާށެވެ. ރާޅު ޖަހާ އަޑު އަހާށެވެ. އެ ފަދަ އަޑުތަކަކީ، މާލޭގެ ހަލަބޮލި
މާޙައުލުން އިވޭ އަޑުތަކެއް ނޫނެވެ. ބޮޑު ޗުއްޓީގައި، ކޮއްކޮމެނާ އެކުގައި
އަހަރެން ދިޔައީ މަންމަގެ ރަށަށެވެ. އަހަރުމެން ދެކިލާ ހިތުން މާމަ އާއި ކާފަ އުޅޭ
ވަރުންނެވެ. މާލޭގައި އަހަރެން އުޅުނު ކުޑަ ކޮޓަރިއާ ޚިލާފަށް، އެ ގެއަކީ ވަރަށް
ބޮޑު ގެއެކެވެ. ގޯތި ތެރޭގައި ހައްދާފައިވާ ބޮޑެތި ގަސްތަކުގެ ހިޔާ ވެސް ހަމަ އެހާ
ބޮޑެވެ. ޖޯއްޔާއި އުނދޯލި އެލުވާފައި ހުރެ އެވެ. އޭގެ އިތުރަށް ފަސް ޖޯލީގެ
ޖޯލިފައްޗެއް ވެސް ހުރެ އެވެ. އެ ހުރިހައި އެއްޗެއް ހުރެފައި އަހަރެން ބައިސްކަލު
ދުއްވާނެ ތަން ވެސް އޮވެ އެވެ. އަހަރެން ކަހަލަ އަންހެން ކުއްޖަކަށް ދެން ބޭނުން
ވާނީ އެހެން ކޯޗެއް ހެއްޔެވެ؟ ހަމަ އެކަނި ފޭސްބުކެވެ. އެ ކަން ވެސް އޮތީ ފުރިހަމަ
ވެފަ އެވެ.
ކޮއްކޮމެންނާ ޚިލާފަށް
އަހަންނަކީ ދުވެ، ކުޅެ ހަދާ ކުއްޖެއް ނޫނެވެ. އެއް ތަނެއްގައި އިށީނދެގެން
ކިތަންމެ އިރަކު ވެސް އަހަރެން އިނދެދާނެ އެވެ. ރަށުގައި ހޭދަ ކުރި ފުރަތަމަ
ދުވަހު، އެހެން ކުދިން ދިޔައީ މޫދަށެވެ. އަހަރެން އޮތީ، އެލުވާފައި ހުރި ޖޯލީގައި
އޮށޯވެލައިގެންނެވެ. ފޯނުން ގޭމް ކުޅެން އޮވެފައި، ލަވަ އަޑުއަހާލާ ހިތްވެގެން
ބަލައިލި އިރު އިއަފޯން ފެންނާކަށް ނެތެވެ. ވަށައިގެން ހޯދައިލި އިރު އިއަފޯނު
އޮތީ ބިންމަތީގަ އެވެ. އަހަރެންގެ ލޮލުގައި މާޖިދާ އަޅައިގަތީ، އިއަފޯނު ނަގަން
ގުދުވި ވަގުތު އެވެ. އޭނާ އޮތީ، ޖޯލިފަތި ބަރިން ޖޯއްޔެއްގަ އެވެ. އެހެން އޮތް
އިރު އޭނަ އަށް އަހަރެން ނުފެނުނަސް، އަހަންނަށް އޭނަ ފެނެ އެވެ. އޭނަ ކުރަމުން
ގެންދިޔައީ އެ އުމުރުގެ ކުއްޖަކާ ގުޅޭ ކަހަލަ ހަރަކާތްތަކެއް ނޫނެވެ. އެ މަންޒަރު
ފުރަތަމަ ފެނިފައި ވެސް އަހަރެންގެ ހިތުގައި ޝައްކު އުފެދުނެވެ. އަހަރެން ބޭނުން
ވީ މާޖިދާޔާ ވާހަކަދައްކާލާށެވެ. ޖޯލިން ތެދުވެގެން އަހަރެން ހިނގައިގަތް ވަގުތު
މާޖިދާ އަށް އަހަރެން ފެނިފައި ސިއްސައިގެން ދިޔަ އެވެ. ހަމަ އެއާ އެކު،
ފުންމައިގެން ތެދުވި އެވެ. އެ ވަގުތަކީ، މާޖިދާގެ މަންމަ ގެ އަށް ވަން ވަގުތެވެ.
އަހަންނަށް ފުރުޞަތު ގެއްލުނީ އެ ހިސާބުންނެވެ.
އިންޓަނެޓުން އެކި
ކަހަލަ އެއްޗެހި ކިޔުމުގައި އަހަރެން ވަރަށް ގިނަ ވަގުތު ހޭދަކުރަމެވެ. އުމުރުން
އެކާވީސް އަހަރުގެ ކުއްޖަކާ އަޅާ ބަލައިފައި، އެކުވެރިން ހައިރާންވާ މިންވަރަށް
އަހަރެންގެ މަޢުލޫމާތު މުއްސަންޖެވެ. މަޖަލަކަށް އަހަންނާ ދިމާ އަށް "ގޫގުލް
މިސް" ކިޔަނީ އެހެންވެ އެވެ. އެކަމަކު، އަހަރެންގެ މައިންބަފައިންގެ
ނަޒަރުގައި އަހަންނަކީ ކުޑަ ކުއްޖެކެވެ. އަހަންނަށް ވިސްނައިދެވުނީ މަންމައަށެވެ.
އަހަރެން ދައްކާ ވާހަކަ ގަބޫލު ކުރާ މީހަކަށް މަންމަ ހެދީމެވެ. އެހެންކަމުން،
މަންމަޔާ އެ ވާހަކަ ހިއްސާ ކުރީމެވެ.
"މަންމާ!" ވަރަށް އާދައިގެ ރާގެއްގައި އަހަރެން ބުނީމެވެ. "މާޖިދާ
އަބަދު ވެސް ކީއްވެތަ އެންމެނާ ވަކިން އުޅެނީ؟ އޭނަޔާ ދިމާއަށް ހީނލިޔަސް އޭނަ
ހިއެއް ނުލާނެ. އެކަމަކު އޭނަގެ ބައްޕަޔާ ހާދަ ޒުވާބު ކުރެޔޭ. ނުބައި އެއްޗެހި
ވެސް ކިޔާ!"
"ވާނީ ވެސް އެހެންތާ!" ތެޔޮ ތާހަށް ބަނބުކެޔޮތައް އަޅައިލަމުން މަންމަ
ބުންޏެވެ. "އޭނަގެ މަންމަ ވަރިކޮށްފަ އެހެން މީހަކާ އޭނަގެ ބައްޕަ އިން އިރު
އެ ކުއްޖާ އަށް ނުވާނެ ދެ އަހަރު ވެސް. މާޖިދާގެ ހުންނާނެ ސޭކު ގޮތެއް. ސްކޫލަށް
ވެސް ގަދަކަމުން ފޮނުވަން ޖެހޭނީ. އެކަމަކު، އޭނަ ގޮވައިގެން ދޮންތަ މާލޭގަ
ހުރިއިރު، އެއްވެސް މައްސަލައެއް ނުޖައްސާނެ ސްކޫލަށް ދާކަށް. އުމުރަށް ވުރެ
ތަންކޮޅެއް ދޮށިހެން ވެސް ހީވެއެއްނު. ވަރަށް ބަލަހައްޓައިގެން ދޮންތަ އޭނަ
ގެންގުޅެނީ. ޒުވާބު އެ ކުރަނީ އޭނަގެ ބައްޕަޔަކާ ނޫނޭ ދަރިފުޅާ! އެއީ ދޮންބައްޕަ!
އަސްލު ބައްޕަ އުޅޭނީ އެހެން ގެއެއްގަ. ހަފުތާއަކު ދެ ދުވަހު ކަހަލަ ގޮތަކަށް
މާޖިދާ ގެންދާނެ އެ ގެ އަށް ވެސް."
އަހަރެންގެ ޝައްކު
ހައްތަހާ ބޮޑު ވިއެވެ. ހިތުގައި ސުވާލު އުފެދުނެވެ. މާޖިދާ އަށް ޖިންސީ ގޯނާ
ކުރަނީ ކާކު ހެއްޔެވެ؟ މަންމަޔާ އެ ސުވާލު ކުރާކަށް ނުކެރުނެވެ. ދެއްކޭނެ ހެއްކެއް
ނެތީމަ އެވެ. އަހަރެން، ތަންކޮޅެއް ގާތުން މާޖިދާ އަށް ފާރަލާން ފެށީމެވެ. ގޭގައި
އަބަދު ހުންނަނީ ޓީވީ ހުޅުވާފަ އެވެ. އުމުރާ ނުގުޅޭ މަންޒަރުތައް މާޖިދާ އަށް
ފެންނަނީ ޓީވީން ހެއްޔެވެ؟ ނުވަތަ ރައްޓެހި ކުއްޖެއްގެ ފަރާތުން އެ ކަހަލަ ކަމެއް
ދަސް ވީ ހެއްޔެވެ؟ މާޖިދާ އެކަނިވުމުން އިނގިލި ބޯކަން އަހަންނަށް ފާހަގަ
ކުރެވުނެވެ. މައްސަލައަކީ ހުރިހާ ވަގުތަކު، މާޖިދާގެ ހިޔަނި ފެންނަ ހިސާބުގަ
އަހަންނަށް ނުހުރެވޭ ކަމެވެ. އޭނަ ދާހާ ތާކަށް ނުދެވޭ ކަމެވެ. އެއް ކޮޅުން،
މާޖިދާގެ ބައްޕަގެ ގޭގައި ވަރަށް ގިނަ ވަގުތު މާޖިދާ ހޭދަކުރެ އެވެ. އަނެއް
ކޮޅުން، ދޮންބައްޕަ އާއި މާޖިދާ އެކަނި ގޭގައި އުޅޭ ވަގުތު ވެސް ވަރަށް ގިނަ އެވެ.
އެ ވަގުތު މާޖިދާގެ މަންމަ އުޅެނީ ވަޒީފާގަ އެވެ. އޭނައަކީ، ރަށުގައި ހުންނަ
އެންމެ މަޝްހޫރު ސައިހޮޓަލުގެ އެއް ކައްކާ އެވެ.
އިސްކޫލުން މާޖިދާ
ގެންނަނީ ދޮންބައްޕަ އެވެ. އަމިއްލަ މަސައްކަތް ކުރާތީ، ބޭނުން ވަގުތަކު
ދޮންބައްޕަ އަށް ގެއަށް އާދެވެ އެވެ. އަހަންނަށް ލަފާ ކުރެވުނު ގޮތުގައި، ދެ
ބައްޕަ އިން ކުރެ އެކަކު މާޖިދާ އަށް ކޮންމެވެސް ގޯނާއެއް އެބަ ކުރެ އެވެ. އަދި އެ
ކަމެއް ހިނގާތާ އެތައް ޒަމާނެއް ވެއްޖެ އެވެ. މާޖިދާގެ ފަރާތުން، ފަސޭހަ އިން އެ
ކަން އޮޅުން ނުފިލާނެ ކަން އަހަންނަށް އެނގެ އެވެ. އެހިޔަސް މާޖިދާ ގަންނާނީ
ބިރެވެ. ބޮޑަށް ލަފާ ކުރެވޭ ގޮތުގައި އެ ކަން ކުރާ މީހަކު އޮންނާނީ މާޖިދާ
ބިރުގަންނަވާފަ އެވެ.
ދުނިޔޭގެ ލަދަކީ އެ އަށް
ބީރު ކަންފަތް ދެވޭނެ އެއްޗެއް ނޫނެވެ. މާޖިދާ އަށް ގޯނާ ކުރަނީ ޢާއިލާގެ ގާތް
މީހަކަށް ނުވެއްޖެ ނަމަ ކިތަންމެހާ ވެސް ރަނގަޅެވެ. ވެއްޖެއްޔާ އެ ކަން ބޭޒާރު
ކޮށްލުމަކީ އަހަންނަށް ވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ. ފުރަތަމަ ބޭނުން ވީ
ޝައްކު ޔަގީނަށް ބަދަލު ކުރާށެވެ. އެ ކަން ކޮށްދިނީ ފަޒްލާ އެވެ. ޚުދު ތިމާ ޖިންސީ
ގޯނާގެ ޝިކާރައަކަށް ވުމުގެ އިތުރަށް، ފަޒްލާ މަތީ ތަޢުލީމު ހާސިލު ކުރަމުން
ގެންދިޔައީ ވެސް އެ ދާއިރާއިންނެވެ.
"ޖިސްމާނީ އަނިޔާގެ ނިޝާން ހުންނާނެ ބޭރު ފުށުން ފެންނަން،" ފަޒްލާ
ކިޔައިދިނީ މުހިންމު ނުކުތާތަކެވެ. "އޭނައަކަށް ނުބުނެދެވޭނެ އެ އަނިޔާ
ލިބުނީ ކިހިނެއް ކަމެއް. ބުނެދިނަސް ގަބޫލުކުރަން އެހާ ފަސޭހައެއް ނުވާނެ. ތި
ކުއްޖާ ކަންކަމާ ވަރަށް ޖެހިލުން ވާނެ، ސިހޭނެ، އެކަހެރި ވެސް ވާނެ. އިނގިލި ބޯނެ،
ތަންމައްޗަށް ހީސްލެވޭނެ، އަނދިރި ދެކެ ބިރު ވެސް ގަންނާނެ."
ފަޒްލާ ލިސްޓު ވަރަށް
ދިގެވެ. އޭނަ ބުނި ގޮތުގައި ބަސް މަދުވުމާއި، ހަނދާން ބަލިވުމަކީ ވެސް
ޢަލާމާތެކެވެ. ކުއްޖާ އަށް ގޯނާ ކުރާ މީހާ ހުންނަ ތަނަކަށް ދާން ކުއްޖާ ފަސްޖެހޭނެ
އެވެ. މާޖިދާގެ ފަރާތުން ބައެއް ސިފަ އަހަންނަށް ވަނީ ފެނިފަ އެވެ. މާޖިދާއަކީ
ގިނައިން ކާ ކުއްޖެކެވެ. ނިދި މަދުވުމާއި، ނިންޖަށް ބަލިވުމަކީ ވެސް މާޖިދާގެ
ޢަލާމަތެކެވެ. ހަމަ އެހެންމެ، މާޖިދާއަކީ ޒީނަތްތެރިވާ ހިތް ނުވާ، ގައިން ނުބައި
ވަސް ދުވާ، ރުންކުރު ކުއްޖެކެވެ. އޭގެ އިތުރަށް، އުމުރާ ނުގުޅޭ ޖިންސީ
ހަރަކާތްކުރުމާއި، ހުތުރު އެއްޗެހި ވެސް ކިޔައެވެ.
"މަންމާ!" އެންމެ ފަހުން މަންމަ ގާތުގައި އެ ވާހަކަ ބުނަން އަހަރެން
ނިންމީމެވެ.
އަހަންނާ ދިމާއަށް
މަންމަ ބަލައިލި އެވެ. ބުނާނެ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. މަންމަ ގަބޫލު
ނުކުރާނެހެން ހީވާތީ އެވެ. އެހެން ވިޔަސް، ބުނެވުނު ނަމައޭ ފަހުން ހިތަށްއަރައި،
އެ ކަމާ ދެރަ ވާކަށް އަހަރެން ބޭނުމެއް ނުވިއެވެ.
"މާޖި.." އަހަރެން ވަރަށް ހިތްވަރު ކުރަން ޖެހުނެވެ. "މަށަށް އެނގޭ
މަންމަ ހިތްހަމަ ނުޖެހޭނެކަން މި ވާހަކަ ބުނީމަ. އެކަމަކު ވެސް ބުނާނަން.
ކޮންމެވެސް މީހަކު މާޖިދާ އެބަ އެބިއުސް ކުރޭ!"
ކަންތައް ވެގެން ދިޔައީ އަހަރެން
ހީކުރި ގޮތަކަށް ނޫނެވެ. މަންމައަށް ޝޮކެއް ނުލިބެއެވެ.
"އެހެންތަ؟" އަހަންނަށް ނުވެސް ބަލައި މަންމަ ހިނިގަނޑެއް ޖަހައިލައިފައި
ބުންޏެވެ. "އެ ކަމާ ވިސްނާނީ އޭނަގެ މަންމަޔާ ބައްޕައެއްނު ދޯ! އަހަރުމެން
އަޅާލާނެކަމެއް ނެތެއްނު!"
"މަށަށް ހީވަނީ ކޮންމެވެސް އެއް ބައްޕައެއްހެން އެ ކަން ކުރަނީ." ލިބުނު
ހިތްވަރާ އެކުގައި އަހަރެން ބުނީމެވެ.
"ޝޫ!" ކުއްލިއަކަށް އަހަންނާ ހަތަރު ކަޅި ހަމަ ކޮށްފައި، މަންމަގެ
އިނގިލި ތުންފަތުގައި ހުރަސް ކޮށްލާފައި ބުންޏެވެ. "ދައްކަފާނެ ކޮންމެ ފަދަ
ވާހަކައެއް ވެސް."
އަހަރެން
"ހައްޕު" ކިއީމެވެ. ޙަޤީޤަތް ފަޅާއެރީ އޭގެ އެއް މަސް ފަހުންނެވެ.
މާޖިދާ ގެއްލުނީއެވެ. ފެނުނުއިރު އޭނަގެ ފުރާނައެއް ނެތެވެ. ހައްޔަރު ކުރީ މާޖިދާ
ކިޔަވަން ދާ އިސްކޫލުގެ މަސައްކަތު މީހެކެވެ. ދެ ބައްޕައިން ކުރެ ބައްޕައެއްގެ
ބޮލުގައި ތުހުމަތު އެޅުވުން އެއީ ކުށެއް ކަމަށް އަހަރެން އެއްބަސް ވަމެވެ.
ހިތާމައަކީ، މާލޭގައި އުޅުނުއިރު ކިޔަވަން ވަރު ހުންނަ ކުއްޖާ ރަށަށް އައިސް
އިސްކޫލަށް ނުދާން ބޮޑާހާކާ ސަބަބާ މެދު އަހަންނަށް ފުންކޮށް ވިސްނައި
ނުލެވުނީތީއެވެ. ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ވެސް ލިބުނެވެ. އަހަރެންގެ
ހިތުގައި އުފެދުނު ޝައްކު މަންމަޔާ ހިއްސާ ކުރެވުނީތީއެވެ. އެ ފަދަ އެތަކެއް
ހެއްކެއް ފެނި، ނުފެންނަ ކަމަށް ހެދުނު ނަމަ، ދުވަހަކު ވެސް އަހަރެންގެ ނަފުސު
އަހަންނަށް މާފެއް ނުކުރީހެވެ. މާޖިދާއަކީ، ފޮޅުވުމުގެ ކުރިން ފިޔަތައް ރޫޅައި
ވިއްސިވިހާލި ކޮށްލި ނާޒުކު މަލެކެވެ.
-------------------------------------------------
ނިމުނީ