» » ފޭހުނު އިލޮށި

ފޭހުނު އިލޮށި


ފޭހުނު އިލޮށި

ބިންމާ އިބްރާހިމް ވަހީދު
28 ޖަނަވަރީ 2015


ހަވީރު ނޫހުން ނަކަލުކޮށްފައި

"ލަތީ އުފާ ވޭތަ؟" އަސްލަމް އެ ސުވާލު ކުރީ ވަރަށް ވިސްނައިފަ އެވެ.

ލަތީފާ ޖަވާބެއް ނުދިނެވެ. ބިއްދޮށަށް އެނބުރުނީ އެވެ. އެ ސުވާލަށް ޖަވާބެއް ނުލިބޭނޭ ހީވާހާ ގިނަ އިރު ލަތީފާ އެހެން އޮތެވެ. އަސްލަމް މަޑުމަޑުން އެނދުން ތެދުވި އެވެ. 

"
އަސްލަމް އުފާ ވޭތަ؟" ލަތީފާ އެހިއެވެ. 

ދޭން ވީ ޖަވާބު އަސްލަމަށް އެނގެ އެވެ. އެ ޖަވާބު ދޭން ނުކެރުނީ އެވެ. ފުރަތަމަ އިންކާރު ކުރާ މީހާ ކަމުގައި ތިމާ ވާން ބޭނުން ނުވީ އެވެ. ޙަޤީޤަތުގައި، ދެމަފިރިން ކުރެ އެކަކު ވެސް ދަރިއަކަށް މަރުޙަބާ ކިޔާކަށް ތައްޔާރެއް ނުވެ އެވެ. ވުމާއެކު، ދެމަފިރިންނަށް ލިބެން އުޅުނު ފުރަތަމަ ދަރިފުޅަށް ވަދާޢު ކިޔަން ނިންމި އެވެ. ލިބޭ މުސާރަ ކުޑަވުމާއި، ކުއްޔަށް އުޅޭ ތަނުގެ ދަތިކަމާ ހެދި އެވެ. އެ މީހުންނަށް ގަބޫލު ކުރެވުނު ގޮތުގައި، ދަރިއަކު އުފަންކުރަން އެކަށޭނަ މާޙައުލެއް އަދި ތައްޔާރެއް ނުވެ އެވެ. އެ ދަނޑިވަޅުގައި ކުއްޖަކު ހޯދައިފިއްޔާ، ކުއްޖާ އަށް ރަނގަޅު މުސްތަޤުބަލެއް ހޯދައި ނުދެވިދާނެ އެވެ. އެހެން ނުހެދުމަށް މައިމޫނާ އެދުނެވެ. މައިމޫނާއަކީ ލަތީފާގެ މަންމަ އެވެ. ލިބޭ ދަރިފުޅަށް ޚަރަދު ކުރުމާއި، ކުއްޖާގެ ހުރިހާ ކަމެއް ބެލެހެއްޓުމާ ހަވާލުވާން މައިމޫނާގެ ދެމަފިރިން އެއްބަސްވި އެވެ. މައިންބަފައިންގެ އާމްދަނީ އާއި، އަސްލަމްގެ ދެމަފިރިންނަށް ލިބޭ އެއްޗަކުން ދައްޗެއް ނެތި އުޅެވޭނެ ކަން، ތަކުރާރުކޮށް ހަނދާން ކޮށްދިނެވެ. 

"
މަށަކަށް އެ ގޮތް ގޯހެއް ނޫން!" އަސްލަމް ހުރީ ދޫ ދޭ ގޮތަށެވެ. 

ދެމަފިރިން މަޝްވަރާ ކުރީ ތިންވަނަ މީހަކު ބައިވެރި ނުކޮށެވެ. 

"
މަށަށް ވެސް އެ ގޮތް ރަނގަޅޭ،" ލަތީފާ ވެސް ރުހުނެވެ. "އެކަމަކު، ފަހަރެއްގަ މަންމަ ނެތް ދުވަހެއް އަތުވެއްޖެއްޔާ ދެން ހަދާނީ ކިހިނެއް؟ ދަރިފުޅު ބަލަން މުސާރަ ދީފަ މީހަކު ގެނެސްފިއްޔާ އެއީ އިތުރު ޚަރަދެއް. އެ މީހާ ބަހައްޓާނެ ތަނެއް ނެތް. އަސްލަމްގެ ފެމެލީގެ މީހަކު ބަލި ވިޔަސް މާލެ އައިސް ހުންނަން އޮތީ މި ތަންކޮޅު. މި ތަނުގަ އެބަ އޮތްތަ ކުއްޖަކު ހިރިލާނެ ތަންކޮޅެއް؟"

"
ތީ ވެސް ތެދެއް،" ފުން ނޭވައެއް ބޭރު ކޮށްލައިފައި އަސްލަމް ބުންޏެވެ. "ކުއްޖާ ބަލަން ޖެހޭނީ ލަތީފާ. ލަތީފާ ޖެހޭނީ ޖޮބު ދޫކޮށްލަން."

ލިބޭ އާމްދަނީ މަދު ވެއްޖެއްޔާ، ހަޔާތާ މެދު ދެމަފިރިން ދުށް ފޮނި ހުވަފެންތަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ ކުޑަ ކުއްޖަކު ގޮވައިގެން ކުއްޔަށް ތަންތަން ހިފައިގެން ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟ އެ މީހުން ވިސްނީ ދަރިފުޅާ މެދުގަ އެވެ. ދަރިފުޅުގެ ކުރިމަގާ ދޭތެރޭގަ އެވެ. އެންމެ ފަހުން ނިންމީ ކުއްޖާ ދޫކޮށްލާފައި ފަހުން އެހެން ކުއްޖަކު ހޯދުމަށެވެ. 

އެބޯޝަން ހެދީ ލަތީފާގެ މައިންބަފައިންގެ ރުހުމާ ދެކޮޅަށެވެ. އަސްލަމްގެ މައިންބަފައިން ދިރިއުޅެނީ ރަށުގަ އެވެ. އެ މީހުންނަކަށް އެ ކަމެއް ނާންގަ އެވެ. ނިންމި ނިންމުމާ ދޭތެރޭގައި ފަޚުރުވެރި ވަމުން ލަތީފާ ހަޔާތާ ކުރިމަތިލި އެވެ. 

ދެ ވަނަ ކުއްޖާ އަށް ބަނޑުބޮޑުވި އިރު ލަތީފާގެ އުމުރުން ތިރީސް ދެ އަހަރު ފުރިއްޖެ އެވެ. އަސްލަމްގެ އުމުރުން ތިރީސް ފަހެކެވެ. އެހެން ނަމަވެސް ދިރިއުޅުމުގެ ހާލަތު އެ މީހުން ބޭނުންވި ވަރަކަށް އޭރު ވެސް ރަނގަޅެއް ނުވެ އެވެ. ޙައްލެއް ކަމުގައި އެ މީހުންނަށް ވިސްނުނީ، އަނެއްކާ ވެސް އެބޯޝަން ހެދުމެވެ. ކުރިން ކުރެވުނު ކުށް ދެ ވަނަ ފަހަރު ތަކުރާރު ނުކުރުމަށް، ލަތީފާގެ މައިންބަފައިން އާދޭސް ކުރި އެވެ. ކުރިޔަށް ވުރެ އަތްމަތި ތަންކޮޅެއް ތިޔާގިވެފައި ވީތީ އެވެ. އަސްލަމާއި ލަތީފާ ބޭނުންވީ އަދިވެސް އަތްމަތި "ތަންކޮޅެއް" ރަނގަޅު ވަންދެން ކުއްޖަކު ނުހޯދާށެވެ. ދެވަނަ ކުއްޖާ ވެސް ދޫކޮށްލީ އެވެ.

ދިރިއުޅުން ރަނގަޅު ކުރުމަށްޓަކައި ދެމަފިރިން އިތުރަށް ހިތްވަރު ލި އެވެ. ބޭނުންވާ ވަރަށް ފައިސާ ޖަމާ ކުރި އެވެ. ހުޅުމާލެ އިން އެޕާޓުމަންޓެއް ގަތީ ދެ މީހުން އެއްކުރި ފައިސާއިންނެވެ. ބޭނުންވާ މިންވަރަށް ފުރިހަމަ އަށް ތައްޔާރުވާން އަހަރުތަކެއް ނެގި އެވެ. އެ އަށް ފަހު، ދަރިއަކަށްޓަކައި ރަތް ދޫލަ ފަތުރައިލި އެވެ. އެއް މަސް ވެއަތުވި އެވެ. ފަސް މަސް ވެއަތުވި އެވެ. ލަތީފާ މާބަނޑެއް ނުވި އެވެ.

"
ގާތްގާތުގަ ދެ ފަހަރު އެބޯޝަން ހެދީމަ އުފެދުނު ފާރު ފަސޭހަ ކުރަން ދިހަ ވަރަކަށް އަހަރު ވެސް ނަގާފާނެ،" ޑޮކްޓަރު ލަފާ ދިނެވެ. "ފުރަތަމަ ޖެހޭނީ ބޭސް ކާން. ރަނގަޅު ނުވެއްޖެއްޔާ ލޭޒާ ބޭނުން ކޮށްގެން އަންދާލައިގެން ފަސޭހަ ކުރެވޭތޯ ބަލާނީ. އެ ކަން ނާކާމިޔާބު ވެއްޖެއްޔާ، ދެން ޖެހޭނީ ރަހިމު ނަގަން."

މާލެ އިން ލިބުނު ޖަވާބާ މެދު ލަތީފާ އާއި އަސްލަމް ވެސް ހިތްހަމައެއް ނުޖެހުނެވެ. އެ މީހުން ސިންގަޕޫރަށް ދިޔަ އެވެ. ބެންކޮކަށް ވެސް ދިޔަ އެވެ. ލިބުނީ ހަމަ އެއް ޖަވާބެކެވެ. ހަޔާތުގެ ބައްތެލި އެހެން މިސްރާބަކަށް ބަދަލު ކޮށްލަން ޖެހުނީ އެ ހިސާބުންނެވެ. 

"
ދިހަ އަހަރަކީ ވަރަށް ގިނަ ދުވަސް،" އޮފީހުން ގެ އަށް އައި މަގުމަތީގައި އަސްލަމް ބުންޏެވެ. "ފުރަތަމަ ދަރިފުޅު ލިބޭއިރު މަގޭ އުމުރުން ފަންސާހަކަށް އަހަރުވެފައެއްނު އޮންނާނީ. ދަރިން ހޯދަން އެއީ ކޮން އުމުރެއް؟ އެ އަށް ވުރެ ކުރިން މަ ކުއްޖަކު ބޭނުން."

"
ބޭނުމަކަސް ނެތްތާ އެހެން ގޮތެއް." ޖަވާބުގައި ލަތީފާ ބުންޏެވެ. 

"
ދެ އަންބަށް މީހަކާ އިންނާނީ." ޖެހިލުމެއް ނެތި އަސްލަމް ބުނެލިއެވެ. 

ލަތީފާ ފުރަތަމަ ހީކުރީ އެއީ އަސްލަމް ކުރި ސަމާސައެއް ކަމަށެވެ. ނަމަވެސް، ދާދި އަވަހަށް އެ ކުށްހީ ފިލި އެވެ.

"
ނުވާނެ ތި ކަމެއް،" ލަތީފާ އިންކާރު ކުރި އެވެ. "މަ ވަރި ކުރަން ޖެހޭނީ."

"
މަ މި ބުނާ އެއްޗަކާ ދޭތެރޭ ރަނގަޅަށް ވިސްނާލަ ބަލަ!" އޯގާތެރިކަމާ އެކުގައި އަސްލަމް އެދުނެވެ. "މަ ކޮންމެހެން މި އުޅެނީ އެހެން އަންހެނެއް ދެކެ ލޯބިވެގެން ލަތީފާ އަށް ދެރައެއް ދޭކަށް ނޫނޭ. މަ ބޭނުންވަނީ މަގޭ ވެސް ދަރިއެއް ހުންނަން. އެ ދަރިފުޅުގެ ފަރާތުން ލަތީފާ އަށް ވެސް ދަރިއެއްގެ ލޯބި ލިބޭނެ. ދެ އަންބަށް މީހުނާ އިނުމަކީ ފާފައެއް ނޫން. ކުށެއް ނޫން. މަށަކަށް ހަމަ އެއްގޮތަކަށް ވެސް ނުވިސްނޭ ލަތީފާ އިންކާރު ކުރާ ސަބަބެއް."

"
މަ ބޭނުން ވަނީ އަސްލަމްގެ އަންބެއްގެ ގޮތުގަ ހުންނަން،" ލަތީފާ އޮޅުންފިލުވައި ދިނެވެ. "ދޮށީ އަންބަކަށް ވާކަށް ބޭނުމެއް ނޫން. މަށަށް އެނގޭ ވެގެން ތި އުޅޭ ގޮތް. ޅަ ކުއްޖަކާ ނީނދެވިގެން ތި އުޅެނީ."

ދެކެވެމުން ދިޔަ ވާހަކައިގެ ރާގާއި ބަހުރުވަޔަށް ބަދަލު އަންނަން ފެށި އެވެ. 

"
އަނެއްކާ ވެސް ސާޅީސް އަހަރުގެ މީހަކާ މަ އިނުމުގެ ބޭނުމަކީ ކޮބާ؟" އަސްލަމް ބުންޏެވެ. "އެ އުމުރުގެ އަންހެނަކު ހުސްހަށިބައި ވެފަ ހުރެއްޖެއްޔާ އެހެން މީހެއްގެ ދަރިއެއް އޭނަގެ ހުންނާނެ."

"
ކޮބާ މައްސަލައެއް؟" ލަތީފާ ސުވާލު ކުރި އެވެ. "އެހެން އަންހެނެއްގެ ދަރިއެއްގެ ފަރާތުން ދަރިއެއްގެ ލޯބި މަށަށް ލިބެންޏާ އަސްލަމަށް ވެސް ލިބޭނެއްނު!"    

ދެމަފިރިންނަށް އެއްގަލަކަށް އެރޭ ގޮތެއް ނުވި އެވެ. ލަތީފާގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީ އެ ހިސާބުންނެވެ. ކުއްޖާ އަށަގަންނަ ތަނަށް ލިބިފައިވާ ގެއްލުން ފަސޭހަވުމުގެ ބަދަލުގައި ހައްތަހާ ގޯސް ވާން ފެށި އެވެ. ޑޮކްޓަރު ލަފާ ދިނީ ރަހިމު ނެގުމަށެވެ. ލަތީފާގެ މުސްތަޤްބަލަށް ހިޔަނި އެޅުނީ، އުޖާލާ ކުރެވޭނެ ކަމަށް ހީކޮށް ދިއްލުނު ވޮށެއްގެ ސަބަބުންނެވެ. އޮޕަރޭޝަނަށް ފަހު ލަތީފާ ވަރިވީ އެވެ. އަދި އެ އެޕާޓުމަންޓުން ނުކުތީ އެވެ. ދެމަފިރިންގެ ފައިސާ އިން ގަތް ތަނެއްގައި އެކަނި އުޅޭކަށް އަސްލަމް ބޭނުމެއް ނުވި އެވެ. އެ ތަން ކުއްޔަށް ދީފައި އަސްލަމް ވެސް ނުކުތީ އެވެ. ތަނުން ލިބޭ ފައިސާ ދެ މީހުންނަށް ބަހައިލާ ގޮތަށް އެއްބަސްވެގެންނެވެ. ވަރިވެގެން މައިންބަފައިން ގާތަށް ލަތީފާ އައުމުން މައިމޫނާ ހުރީ އެއްޗެއް ނުބުނާށެވެ. އެކަމަކު، މާ ގިނަ ދުވަހަކު ކެތެއް ނުކުރެވުނެވެ. 

"
ކީއްކުރަން ވަރި ވީ؟" ވަރަށް ހިތްހަމަ ނުޖެހިފައި މައިމޫނާ ބުންޏެވެ. "ދެމަފިރިން ބޭނުންވެގެން ދެ ފަހަރު ވެސް ކުއްޖާ އެއްލައިލީ. މަ ކިހާ އާދޭހެއް ކުރިން؟ އޭރު ދެމަފިރިން އެކައްޗެއް ކިޔާފަ، ބަލި ހާލު ބޮޑުވެ، އެކަނި ހާލަށް އުޅެން ތިމާ އަށް އުނދަގޫވާ ހިސާބަށް ދިޔައިމަ ދެން ވަރިވެގެން އައުމުގެ ބޭނުމަކީ ކޮބާ؟ ފިރިމީހާ އެ ބުނަނީ ވަރި ކުރާކަށް ބޭނުމެއް ނޫނޭ. ދެރައެއް ދޭކަށް ވެސް ބޭނުމެއް ނޫނޭ. ހަމަ އެކަނި ބޭނުން ވަނީ ކުއްޖަކު ހޯދާށޭ. ކޮބައިތަ މައްސަލައަކީ؟ އެ ކުއްޖާއަކީ ދަރިފުޅުގެ ވެސް ދަރިއެއް ކަމަށް ބަލައިގެން އުޅުނީމަ ވީނު."

"
މަންމަ ވެސް އަސްލަމް ގޮތަށް ވާހަކަ ތި ދައްކަނީ،" ޝަކުވާގެ ރާގެއްގައި ލަތީފާ ބުންޏެވެ. "ތި ބުނަނީ އެ ކުއްޖާގެ ފަރާތުން މަށަށް ދަރިއެއްގެ ލޯބި ލިބޭނޭ. މައްސަލައެއް ނެތް! ފެން ބޮވާފަ ހުންނަ މީހަކު ޖޫސް ބުޔަސް ކަރުހިއްކުން ފިލާނެ. އެއީ ޔަގީން ކަމެއް. އެކަމަކު ފެން ބޮއިގެން ލިބޭ ހިތްހަމަޖެހުމެއް ނުލިބިދާނެ ދޯ؟" 

އަސްލަމް އެހެން ކައިވެންޏެއް ކުރި އެވެ. ކުއްޔަށް ދިން އެޕާޓުމަންޓުން ލަތީފާ އަށް ވެސް ފައިސާ ލިބެ އެވެ. އަތްމަތި ތަނަވަސް ވި އެވެ. ފަޅު ވީ އުނގެވެ. މިއަދު ލަތީފާއަކީ އެކަނިވެރިއެކެވެ. އެކުގައި އުޅުނު ހުރިހާ ރަޙުމަތްތެރީން އެ މީހުން ދަރިން ގޮވައިގެން އުޅޭ ތަން ލަތީފާ އަށް ފެނެ އެވެ. އެންމެން އެކުގައި ހިނގާލަން ގޮސް އުޅޭއިރު އިނގިލި ފަޅުވެފައި ވަނީ، ހަމަ އެކަނި ލަތީފާގެ އެވެ. "މަންމާ" ކިޔާފައި ގޮވައިލާނެ އަޑަކަށް ކިތަންމެ އެދުނަސް، ހިތަށް ފިނިކަމެއް ހޯދައިދެވޭނެ އެއްވެސް ގޮތެއް ދެނެއް ނެތެވެ. ޝަކުވާ އުފުލާނެ މީހަކު ވެސް ނެތެވެ. އެއީ، އަމިއްލަ އަތުން ފޭއްސި އިލޮށިގަނޑެކެވެ. 

ނިމުނީ


މި ލިޔުން ހިއްސާކުރައްވާ


 

Copyright © 2013. ދަރަވަންދޫ - All Rights Reserved