ޗުއިންގަމް
ބިންމާ އިބްރާހިމް
ވަހީދު
08 ފެބުރުއަރީ 2015
ހަވީރު ނޫހުން ނަކަލުކޮށްފައި
ތެޅެމުންފޮޅެމުން އައިސް އޮފީހަށް
ވަންއިރު ގަޑިޖެހެން އެއް މިނިޓު ވެސް ނެތެވެ. އަތުކޮޅަށް ދޮރު ހުޅުވައިލައިފައި
ގޮސް މެޝިނުގައި ކާޑު ޖައްސައިލީމެވެ. އަހަރެންގެ ހަރަކާތްތަކަށް ބަލަން އިން
ޑިއުޓީ އޮފިސަރު ދެ އަތަކަށް ބޯ ހޫރައިލިއެވެ.
"އަދި އެބަ ހުއްޓޭ ތިން ސިކުންތު." އަހަރެން ބުނީމެވެ.
"މަ ބުނެފިތަ އެއްޗެކޭ؟" ސަމާސަ ރާގެއްގައި ޑިއުޓީ އޮފިސަރު ބުންޏެވެ. "އޭ! ކަލޭގެ ފުއްގުޑި ހިނގައްޖެ ރޮމުންރޮމުން."
އަހަރެންގެ ފުއްގުޑި ކަމުގައި ބުނި ކުއްޖަކީ ލީލާއެވެ. އޮފީހުގެ ބައެއް މީހުން އަހަންނާ އަޅުވައި ކިޔަސް، ލީލާއަކީ އަހަރެންގެ އެކުވެރިއެކެވެ. ގިނަ ކަންކަމުގައި އަހަރުމެން ދެ މީހުންގެ ޚިޔާލު އެއްގޮތް ވާތީ އަހަރުމެން އުޅެނީ ވަރަށް އެކުވެރިކޮށެވެ. އެ ދުވަހަކީ، އޮފީހުގެ މަސައްކަތް ބުރަ ދުވަހެއް ނަމަވެސް، ލީލާ ރުއީ ކީއްވެގެންތޯ ބަލައިނުލައި ހިތްހަމައެއް ނުޖެހުނެވެ. ސެކްޝަނަށް ވަންއިރު ލީލާއެއް ނެތެވެ. ކުއްލިއަކަށް ފެނުނީ ފާޚާނައިން ލީލާ ނުކުތްތަނެވެ. އޭނަގެ ލޯ ހުރީ ރަތް ވެފައެވެ. ކިހިނެއް ވީހޭ އަހަރެން އެހީ ބޮލުގެ އިޝާރާތުންނެވެ. ޖަވާބެއް ނުދީ ގޮނޑީގައި އިށީނުމަށް ފަހު، ކޮންޕިއުޓަރު މޮނީޓަރު އަނބުރައިލައިފައި އަހަންނަށް ދައްކައިލިއެވެ.
"ރާނިޔާގެ މަންމަ އައިސީޔޫގަ!" ފޭސްބުކްގައި އޮތް "ސްޓޭޓަސް" ދައްކާލައިފައި ލީލާ ބުންޏެވެ.
ރާނިޔާ އާއި ލީލާ ކުރިން އުޅުނީ އެއް އޮފީހެއްގައެވެ. ރީތިކަމާއި ތޫނުފިލިކަމަށް އެ ދެ މީހުން ދާދި އެއްވަރު ވުމުން، ދެ މީހުންގެ ދެމެދުގައި ސިއްރު ވާދަވެރިކަމެއް އޮވެއެވެ. ކޮންމެ މީހަކު ވެސް ބަލަނީ އަނެކަކުގެ ބޮލުގައި އަތް އަޅައިފައި މައްޗަށް އެރޭތޯއެވެ. މަސައްކަތު މާޙައުލުގައި އެކަކަށް ވެސް ކުރި ނުލިބުމުން އެ ކުޅިގަނޑު ދެން ފެށީ ހުތުރު ވާށެވެ. ވެރިމީހާ ގާތުގައި، ދޮގުހަދައިގެން ފުރަތަމަ ކުޓުވީ ރާނިޔާއެވެ. ވެރިމީހާ އެ ވާހަކަތައް ހަމައެކަނި ގަބޫލުކުރީކީ ނޫނެވެ. ލީލާއަށް ރަސްމީ އިންޒާރެއް ވެސް ދިނެވެ. ޙަޤީޤަތް އެނގުމުން، ބަދަލުހިފުމުގެ ގޮތުން ލީލާ ކުރީ މާ މުޑުދާރު ކަމެކެވެ. ލަދުވެތި ފޮޓޯތަކެއް ހަދައިގެން އިންޓަނެޓަށް ފަތުރައިލީއެވެ. ކަން ކުރި މީހާ ނޭނގޭ ގޮތަށެވެ. ތިމާއަށް ތަންކޮޅެއް ބޮޑު ވަރު ކޮށްލެވިއްޖެކަން ލީލާއަށް އެނގުނުއިރު ރާނިޔާ ވަޒީފާއިން ވަކި ކޮށްފިއެވެ. އެ މީހުންނަކީ މާލޭގައި ތަންތަން ކުއްޔަށް ހިފައިގެން އުޅޭ ބައެކެވެ. ވަޒީފާ ގެއްލުމާ އެކު ރަށަށް ދިޔުން ނޫން ގޮތެއް ރާނިޔާއަކަށް ނެތެވެ. ރާނިޔާގެ މަންމައަކީ ހިތުގެ ބަލި ހުންނަ މީހެކެވެ. ދަރިފުޅުގެ ވަޒީފާ ގެއްލުމާއި، ރަށުތެރެއަށް ފެތުރުނު ދަރިފުޅުގެ ފޮޓޯތަކުގެ ސަބަބުން މަންމައަށް ހާޓްއެޓޭކެއް ޖެހުނެވެ. އައިސީޔޫގައި އޮތް ވާހަކަ ފޭސްބުކްގައި ޖަހައިފައި އެ އޮތީ އެ ކަމާ ގުޅިގެންނެވެ.
"އަޅެ މަ ކިހާ ގޯސް ދޯ؟" މަޑުމަޑުން ލީލާ ބުންޏެވެ.
ލީލާ ކުރި ކަންތައް އަހަންނަށް ގޯހެއް ނޫނެވެ. ބަދަލަށް ބަދަލުހިފުމަކީ އަހަރެން ގަބޫލު ކުރާ ފަލްސަފާއެކެވެ. އެހެން ނުހަދާހާ ހިނދަކު، ތިމާ ކުރީ ކިހާ ގޯސް ކަމެއްކަން ބައެއް މީހުނަކަށް ނުވިސްނޭނެއެވެ. އަހަރެން ވަތްގަނޑު ހުޅުވައިލީމެވެ. އެތެރޭގައި އޮތް ދެ ޗުއިންގަމުގެ ތެރެއިން އެއް ޗުއިންގަމު ކާލާފައި އަނެއް ޗުއިންގަމު ލީލާއަށް ދިއްކޮށްލީމެވެ.
"ލީލާ އެ ކަން ކުރީ މަންމައަށް ދެރައެއް ދޭކަށް ނޫން،" އަހަރެން ބުނީމެވެ. "މަ ނޫން މީހަކަށް ނުވެސް އެނގޭނެ އެއީ ލީލާ ކުރި ކަމެއްކަމެއް."
ވިސްނަން އިރުކޮޅަކު އިނދެލައިފައި ލީލާ އެ ޗުއިންގަމުގައި ހިފިއެވެ. އަހަރެން ބުނި އެއްޗަކުން، ކޮންމެވެސް ވަރެއްގެ ހިތްވަރެއް އޭނައަށް ލިބުނު ކަހަލައެވެ.
"އޭނަގެ މަންމަ މަރު ވެއްޖެއްޔާ ޔޯ؟" ލީލާ ސުވާލު ކުރިއެވެ.
"ހަމަ ވެދާނެ،" އަހަރެން ބުނީމެވެ. "އެކަމަކު ރާނިޔާ އެ ގޭމް ނުކުޅުނު ނަމަ، މަންމަ އައިސީޔޫއަށް ވައްދާކަށް ނުވެސް ޖެހުނީސް. އިރާދަފުޅު ކުރެއްވިއްޔާ ރާނިޔާގެ މަންމައަށް ދެރަ ގޮތެއް ނުވާނެ އެކަމަކު ތި ކަމުގަ އޭނަޔޭ ޒިންމާ ވާން ޖެހޭނީ. ރާނިޔާގެ ފޮނިކަމާ ބޮޑާކަން ދުވަހަކަށް ވުރެ ދުވަހެއް މައްޗަށް ދިޔައީ. މިހާރު ހުންނާނީ ހަމަ ބިމަށް ފޭބިފަ. ބަދަލުހިފައިގެން ނޫނީ ބައެއް މީހުން މައިތިރިއެއް ނުކުރެވޭނޭ ލީލާ. އޮފީހަށް އަންނަމުން ޒުލްފާ ގާތުގަ ވެސް.."
ކުއްލިއަކަށް ފޯނު ރަނގަބީލު ވާން ފެށުމުން ފޯނު ނަގައި ބަލައިލިއިރު އެއީ ޒުލްފާގެ ކޯލެކެވެ.
"މަގޭ އަންހެނުންގެ ކަންފަތް ކެހީ ކަންނޭނގެ." އަހަރެން ބުނީމެވެ.
"ކޮބާ؟" ކަންފަތުގައި ފޯނު ޖައްސައިލުމާ އެކު ޒުލްފާ ސުވާލު ކުރިއެވެ.
އަހަންނަށް ބަލައިލެވުނީ ގަޑިއެވެ. ދިހައެއް ޖަހަން ފަސް މިނިޓު ވެސް ނެތެވެ. މޮޅު ވާހަކަދައްކަން އިންދައި ގަޑި ދިޔަ ގޮތް ވެސް ނޭނގުނީއެވެ. ދިހަ ގަޑި ފަނަރައަށް ހަގު ދަރިފުޅު ޓިއުޝަނަށް ގެންދަން ޖެހެއެވެ.
"މި ދަނީ މި ދަނީ!" ތެދުވެގެން ދުއްވައިގަންނަމުން އަހަރެން ބުނީމެވެ.
ސައިކަލުގައި އަހަރެން މިސްރާބު ޖެހީ ގެއާ ދިމާއަށެވެ. ޗުއިންގަމު ހުސް ވެފައި ހުރިކަން ހަނދާން ވީ، އަހަރެން ޗުއިންގަމު ގަންނަ ފިހާރަޔާ އަރާ ހަމަ ވި ފަހުންނެވެ. ކުއްލިއަކަށް ސައިކަލު ޕާކު ކޮށްލަން އަނބުރައިލިއިރު ހަމަ އެ ޖާގައިގައި ސައިކަލު ބަހައްޓަން އެހެން މީހަކު އަންނަ ކަމެއް ނުވެސް ދެނަހުރީމެވެ. މީހަކު ހަޅޭއްލަވައިގަތް އަޑަށް ބަލައިލެވުނުއިރު އަހަރެންގެ ސައިކަލު ހުންގާނުގެ މުއްގަނޑުން އެހެން ސައިކަލެއްގެ ލޯގަނޑުގައި ޖެހިއްޖެއެވެ. ފުރަތަމައިނުން ވެސް އެ މީހާ ފެށީ ބޮޑު ފޮތުގެ މެދުންނެވެ.
"****" ވަރަށް ރުޅިއައިސްފައި އޭނަ ހަޅޭއްލަވައިގަތެވެ. "ހިނދުކޮޅުގަތޯ؟"
އޭނަގެ ސައިކަލަށް ލިބުނު ހަމައެކަނި "ގެއްލުމަކީ" ކުޑަކޮށް ލޯގަނޑު އެނބުރުމެވެ. އެ ކަން ރަނގަޅު ކޮށްލަން ނެގީ އެންމެ ތިން ސިކުންތެވެ. ބޮލު މެދަށް ހުޅިއެއް ޖަހައި، ކަންފަތާއި ބުމައިގައި ބޮޅެއް ހަރުކޮށްފައި ހުރި އެ ޒުވާނާގެ ދެ ލޯ ހުރީ ރަތް ވެފައެވެ. އެއީ އިސްކޮޅުން ދިގު، ވަރުގަދަކޮށް ހުރި މީހެކެވެ. އޭނަ "ފުމެލިޔަސް" އަހަރެން ފެންނާކަށް ނުހުންނާނެއެވެ.
"ތި **** ގެ ލޯ ކޮބާ؟" ސައިކަލުގެ ހަރު ޖައްސައިފައި ފައިބަމުން އޭނަ ބުންޏެވެ. "އެނގޭތަ މީ ކިހާ ވަރަކަށް ގަތް ސައިކެއްކަން؟ ސިގުނަލެއް ނުދީ އަނބުރާލާއިރު ލޯގަނޑު މީ ކީއްކުރަން ހުންނަ އެއްޗެއް؟"
ރޫފަޔާ އެއްވަރަށް އޭނަގެ އަޑު ވެސް ވަރުގަދައެވެ. އިސާހިތަކު މީހުން އެއްކޮށްލިއެވެ. އެކަކު ވެސް އަހަރެންގެ ދިފާޢުގައި އެއްޗެއް ނުބުނެއެވެ.
"ތި ސައިކަލަށް ކަމެއް ނުވެއެއް ނޫންތޯ!" ވަރަށް އޯގާތެރި ކަމާ އެކުގައި އަހަރެން ބުނީމެވެ.
"މަ ހަމަ ހޭގަ ހުރީމަތާ ނުވީ،" އޭނަ ހަޅޭއްލައިގަތެވެ. "އަދި ބުނެފިއެއްނު ކަމެއް ނުވެއޭ. ވި ނަމަ ޔޯ؟ މީގެ ނަޓެއް ވެސް ނުލިބޭނެ މާލެއިން ގަންނާކަށް."
އެ ތަނުގައި ދެވެމުން ދިޔައީ ތަޤުރީރެއް ކަހަލައެވެ. ޗުއްޕެއް ވެސް ބުނެ ނުލައި އެތައް ބަޔަކު އަޑުއަހަން ތިއްބެވެ. ހީވަނީ އަހަންނަށް ކުރެވުނީ ނުފުއްސަވާ ވަރުގެ ފާފައެއް ހެންނެވެ. ހަޅޭއްލަވަން ހުރި މީހާގެ ހިތް ފުރުމުން އޭނަ ފިހާރައަށް ވަނެވެ. ކުޅިބަލަން ތިބި މީހުން އެކި ދިމަދިމާއަށް ހިނގައިގަތެވެ. ޝޯ ނިމުނީއެވެ. އަހަރެންގެ ހިތަށްއެރިއެވެ. އެ ވަރު ކޮށްނުލި ނަމަ ވެސް ފުދުނީހެވެ. ވަރަށް ރުޅިއައެވެ. ލަދު ވެސް ގަތެވެ. އެކަނި އިރުކޮޅަކު ހުރެލާފައި ފިހާރައަށް ވަނީމެވެ. ވައްކަޅިން އަހަންނަށް ނުބަލާ އެކަކު ވެސް ނެތެވެ. ބަދަލުހިފުމުގެ އަލިފާންގަނޑު އުސްވަމުން، ފެތުރެމުން ދިޔައެވެ. ޗުއިންގަމު ޕެކެޓެއް ގަނެގެން އަހަރެން ނުކުތީމެވެ. އޭރު، ބޮޑު ސައިކަލުގެ ވެރިޔާ ވަރަށް ރުޅިއައިސްފައި ސައިކަލު ކައިރީގައި ހުއްޓެވެ. އަހަރެން ވައްކަޅިން ބަލައިލީ އެ ސައިކަލުގެ ތަޅަށެވެ. ޗުއިންގަމު ކިރުގަނޑު، ތަޅު ތެރެއަށް މަލަރު ވެފައި އޮތެވެ. އަހަރެން އާ ޗުއިންގަމެއް ނަގައި އަނގައަށް ލީމެވެ. ހިތަށް ލިބުނު ފިނިކަމާއި، އަރުތެރެއަށް ފާއްދާލި ފޮނިކަމުގެ ރަހަ ބަޔާން ކުރެވޭ ވަރަށް ވުރެ މާ ބޮޑެވެ.
އަހަރެން ގެއަށް އައިސް، ދަރިފުޅު ގޮވައިގެން ޓިއުޝަނަށް ދިޔައިރު ވެސް ހިތަށް ކުރެވެމުން ދިޔައީ ވަރަށް ފޮނި އިހުސާސެކެވެ. ލީލާ ގާތުގައި އަހަންނަށް ބުނެވުނު ވާހަކައަށް ކުރެވުނު ތާއީދު ހައްތަހާ ބޮޑު ވިއެވެ. ބައެއް މީހުންގެ ކިބައިން ބަދަލުހިފަން ޖެހެއެވެ. ތިމާއަށް ލިބުނު ނުތަނަވަސްކަމުގެ ރަހަ އަނެކާއަށް ވެސް ދައްކާލަން ޖެހޭ ފަހަރު އަންނާނެއެވެ. ދަރިފުޅު ޓިއުޝަނަށް ލައިފައި އަހަރެން ގެއަށް އައީ ސައިބޯށެވެ. އޭރު ހަސްނާ ސައިބޯން އިނެވެ. އުމުރުން ނަވާރަ އަހަރުގެ ހަސްނާއަކީ އަހަރެންގެ ދޮށީ ދަރިފުޅެވެ.
"ޑެޑީ!" ވަރަށް ހަމަޖެހިލައިފައި ހަސްނާ ގޮވައިލިއެވެ. "ދީބަލަ ޓޫ ތައުޒަން ރުފިޔާ!"
"ދެ ހާސް ރުފިޔާއޭ؟" އަހަންނަށް ބުނެވުނެވެ. "އެއީ ކީއްކުރަން ދަރިފުޅާ؟"
"މަންމަ ނުބުނޭތަ؟" ހަސްނާ ސުވާލު ކުރިއެވެ. "ކޮންމެވެސް އިޑިއަޓަކު ޖުއްލޭގެ ސައިކުގެ ތަޅަށް ގަމްގަނޑެއް ކޮއްޕާލާފަ ޔޯ ހުރީ."
އަހަރެންގެ އަނގައިން ބަސް ހުސް ވި ކަހަލައެވެ.
"އެއީ ވަރަށް އަގު ބޮޑު ސައިކެކޭ،" ހަސްނާ ވެސް އެ ކަން ހަނދާން ކޮށްދިނެވެ. "ބޭރުން ތަޅެއް ގެންނަން ޖެހެނީ. މި ވަގުތު ޖުއްލޭ ތަންކޮޅެއް ޑައުން ކޮށް އުޅޭތީ."
ހަނދާން ވީ ދެނެވެ. ހަސްނާ ރައްޓެހިވެގެން އުޅޭ މީހާ ކަމުނުގޮސްގެން ޒުލްފާ ދޭތެރެއަކުން އެ ވާހަކަދައްކައެވެ. އެ މީހަކު އަންނަ ސައިކަލުގެ ބޮޑު ވާހަކަ ވެސް ބުނެއެވެ. އެ މީހާ އާއި އެ ސައިކަލެއް، ކުރިން އަހަންނެއް ނުދެކެމެވެ.
"ޑެޑީ!" ހަސްނާ ގޮވައިލިއެވެ.
އަހަރެން ޖީބުން ދެ ހާސް ރުފިޔާ ނަގައިފައި ހަސްނާއަށް ދިނީމެވެ. ބަދަލު ނުހިފައި ކެތްތެރި ވެވުނު ނަމައޭ ހިތަށްއެރިއެވެ. ބައެއް މީހުންގެ ކިބައިން ބަދަލުހިފުން އަހަރެން ގޯހެއް ނުކުރަމެވެ. އެކަމަކު، އަހަރެންގެ ތަޖުރިބާ އަހަންނަށް ވައްތަރު ވީ ޗުއިންގަމަކާއެވެ. ފުރަތަމަ އެ އިން ކުރެވުނީ ފޮނި އިހުސާސެކެވެ. އިސާހިތަކު އެ ފޮނިކަމުގެ ރަހަ ކެނޑި، ލިބުނު ހިތްހަމަޖެހުން އެކުގައި ފިލައިގެން ދިޔައީއެވެ.
ނިމުނީ